English Edition
Dhivehi Edition
10 މާރިޗު 2020 ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ނަން އިއްވެވުމަށް ފަހު، މެމްބަރުން ނެެރެން ސިފައިން ނުގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ މެމްބަރުން އޭނާ މަޖިލީހުން ބޭރު ކުރި މައްސަލަ ހޫނުވެފައިވާއިރު މިކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ސިފައިން މަޖިލިސް ކުރާ މާލަމަށް ވައްދައިގެން ކަންކަން ކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި މަޖިލީހުގެ މެމްބަރުންނަށް އެކަން ކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ ބާރުވެރިކަމަކީ އެ މީހުންގެ ކަންކަން އަމިއްލަ އަށް ނިންމަން ޖެހޭ ތަނެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މަޖިލީހަށް ސިފައިން ވަންނަން އެ މަނިކުފާނު އެއްގޮތަކަށްވެސް ނޭދޭކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖްލިސް މެމްބަރަކަށް މަޖްލިސްތަޅުމުގައި އިމްތިޔާޒް ލިބެނީ ހުށަހެޅިފައިވާ މައްސަލައިގާ ފެންނަގޮތަކަށް ބަހުސް ކުރުމާ ފެންނަގޮތަކަށް ވޯޓުދިނުމަށް ކަމަށެވެ. އަދި އެއްވެސްޙާލެއްގާ މެމްބަރެއްގެ ގަޔަތް އަތްލާ އޭނާއަށް އަނިޔާއެއްވާނެގޮތަކަށް އަމަލުކުރުމަކީ އިމްތިޔާޒެއް ނޫންކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ފުލުހުންނަށް ހުށަހަޅާފައިވާތީ، އެކަން އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެ ކަމަށާއި، އަދި ހުރިހާ ފަރާތަކަށްވެސް އިންސާފު ހޯދައްވައި ދެއްވާނެކަމަށެވެ.