English Edition
Dhivehi Edition

ދިވެހިންނަކީ އަބަދުވެސް ހިތާމަވެރި ހާދިސާއެއް ދިމާވުމުން އެކަމާއި އެ ދުވަސްކޮޅު އެ ވާހަކައެއް ދެއްކުމަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަންތައްތައް ހަނދާން ނެތޭ ބައެކެވެ. ދެން އަނެއްކާވެސް އެ ވާހަކަ އެއް ދައްކަން ފަށަނީ އެފަދަ އިތުރު ހާދިސާއެއް ހިނގުމުންނެވެ. ނުވަތަ އެ ފަދަ ކަމަކަށް މަގު ފަހިވާކަހަލަ ކަމެއް ދިމާވުމުންނެވެ.

2019 ވަނަ އަހަރުގެ އޯގަސްޓަމަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި ސްޕީޑް ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ފަސް މީހުން ނިޔާވި ހާދިސާއަކީ ދިވެހިންނަށް ގިނަ އިބުރަތްތަކެއް ލިބިގެން ދިޔަ ހާދިސާއެކެވެ. މިހާރު އެ ވާހަކަ ‘ހަނދާން ނެތް’ ނަމަވެސް އެ ދުވަސްކޮޅު ކަނޑު ދަތުރު ފަތުރު ކުރުމުގެ ސަލާމަތާއި ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެއްކުނެވެ. ކަނޑު ދަތުރު ފަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުން ލާޒިމްކުރުމަށް ގޮވާލާ، މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރު، މަޖިލީހަށް ގަރާރެއްވެސް ހުށަހެޅިއެވެ. ރާއްޖޭގައި ކަނޑު ދަތުރުގެ ހިދުމަތްދޭ ކުންފުނިތަކުން ސަލަމާތީ ކަންތައްތަކަށް ސަމާލުކަންދީ ދަތުރަށް އެރުމާއެކު ލައިފްޖެކެޓްވެސް އެޅުވިއެވެ. އެހެންނަމަވެސް އެކަން ދެމި އޮތީ މަދުދުވަސްކޮޅަކަށެވެ. މިހާރު ކުންފުނިތަކުން އެ ހަނދާން ނެތިފައިވާއިރު ރައްޔިތުންވެސް ލައިފްޖެކެޓް އެޅުމަކީ ‘ބުރަކަމެއް’ ކަމުގައި ދެކި އެކަމުގެ ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. އެހެންނަމެވެސް ހިތާމަވެރި ހާދިސާއެއް ކުރިމަތިވާނީ ކޮން ވަގުތަކު ކޮން ގޮތަކަށް ކަމެއް ބުނާކަށް އެއްވެސް މީހަކަށް ނޭގޭނެއެވެ.

މި ދުވަސްކޮޅަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުވެސް ގަދަ ދުވަސްވަރެއްކަމުން ދަތުރު ފަތުރުކުރުމުގައި ސަމާލުކަން ދޭންޖެހެއެވެ. އެހެންނަމަވެސް މިއަދު އެމްޕީއެލްގެ ފެރީ ގިނަ އަދަދެއްގެ ދަތުރުވެރިންނާއެކު، ހުޅުމީދޫ އިން ފުރައިގެން ފޭދޫ އަށް ދަތުރުފެށީ އެއްވެސް ދަތުރުވެރިއަކު ލައިފްޖެކެޓް ނުލައްވައެވެ. އެހެންނަމަވެސް އެ ދަތުރު ވީ ކައްޕި އާއި ދަތުރުވެރިންނަށްވެސް ބިރުވެރި ދަތުރަކަށެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއެކު ފެށި އެ ދަތުރުވެގެން ދިޔައީ އެންމެންނަށްވެސް ފިލާވަޅަކަށެވެ.

މި ހާދިސާ ‘އޭއޯ ނިއުސް’ އާއި ހިއްސާކުރަމުން މިއަދު ފެރީއިން ދަތުރުކުރި ދަތުރުވެރިއަކު ބުނީ އެމީހުންގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށެވެ. ވިއްސާރަވެ މޫސުން ގޯސްވުމާއެކު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ގިނަ ބަޔަކު ބުނިނަމަވެސް، އެ ވަގުތު އެ ތަނުގައި ހުރި ސުޕަވައިޒަރު ފެރީ ފުރުވާލީ ސަމާލުކަންދޭންޖެހޭ ކަންތައްތަކަށް ބެލުމެއް ނެތިކަމަށް ދަތުރުވެރިޔާ ވަނީ ބުނެފައެވެ. “ފުރަން އުޅުނު އިރުވެސް ވަރަށް ވިއްސާރަ. ބަނދަރުގެ ތިބި މީހުންވެސް ބުނި ފެރީ ނުފުރުވާށޭ. ކޮޅިގަނޑުގައި ޖެހިއްޖެއްޔާ ސަލާމަތެއް ނުވާނޭ. އެކަމަކު މި ވިއްސާރައިގައި ފެރީ ފުރުވި އިރު ލައިފްޖެކެޓެއްވެސް ނުލައްވާ. ފެރީ ފުރައިގެން ވަކި ހިސާބަށް ދެވުނުތަނާ ދޯނީގެ އިންޖީނުގެ މައްސަލަ ޖެހި އެލާމް އަޅަން ފަށައިފި. އޭރު ދޯނީގެ އެތެރެއަށް ރާޅު އަރަން ފަށައިފި. އިންޖީނު ހުއްޓި ދޯނި ބަންޑުން ޖަހާލާނެކަމުގެ ބިރާއެކު ބައެއް ދަތުރުވެރިން ރޯން ފަށައިފި. ބައެއް މީހުން ހޮނޑުލާތަންވެސް ފެނޭ. ކައްޕި ދޯންޏާއި މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިރު ގަދަ ކަމުން، ފަޅުވެރިންގެ އެހީތެރިކަމާއެކު ރަށާއި ހަމައަށް އާދެވުނީ ﷲ ގެ ކުޅަދުންވަންތަ ކަމުން. އެއްފަހަރުވެސް ހިއެއް ނުކުރަން ފުރާނެ ސަލާމަތް ވާނެ ކަމަކަށް. އެކަމަކު އެ ހާލަތަށް ދިޔައިރުވެސް އެއްވެސް މީހަކު ހަނދާނެއް ނެތް ލައިފްޖެކެޓް މަތިން.” އެމީހާ ބުންޏެވެ. އެ ފެރީއިން ދަތުރުކުރި އެހެން މީހަކު ބުނީ މިއީ ބިރުވެރި ތަޖުރިބާއެއް ކަމަށެވެ. އަދި ބައެއް ފަހަރު ބަލަންވާ ވަރަށް ނުބަލާ ކަންތައްތައް ކުރުމުގެ ސަބަބުން ބައެއްގެ ފުރާނަ ދިޔަނަމަ އެކަމުގެ ޒިންމާ ނަގާނީ ކޮންބައެއް ތޯ ބުނެ އެމީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން ހުޅުމީދޫ އެސްޓީއެލްގެ މެނޭޖަރ ހުސައިން ދީދީ ވިދާޅުވީ ދޯނި ފުރުވި އިރު އެހާ ގަދަ ނޫންކަމަށާއި ދޯނި ފުރީ, ކައްޕިއަށް ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. “ބައެއް މީހުން ބޭނުމެއް ނުވި ފުރާކަށް، ބައެއް މީހުން ބޭނުންވީ ފުރަން، ފުރަން ބޭނުން މީހުންނާއެކު ދޯނި ފުރުވާލީ ކައްޕިގެ ލަފަޔާއެކު. ދެން އާންމުކޮށް ދޯނީގައި ލައިފް ޖެކެޓް މި އަޅުވަނީ ކަނޑުގެ ގަދަވެ ދަތުރު ނުކުރެވޭ ހިސާބަށް ހިނގައިދާނެކަމަށް ލަފާކުރެވޭ ދަނޑިވަޅުތަކުގައި. ދަތުރު ފަށައިގެން ވަކި ހިސާބަކަށް ދިޔަތަނާ ކަނޑު ގަދަވެގެން ދަތުރުވެރިން ބޭނުންވީ ފެރީ އަނބުރާލަން. އެންމެ ފަހުން ކައްޕި ދަތުރުވެރިން ބޭނުންވި ގޮތަށް ފެރީ އަބުރާލާފަ ރަށަށް އައީ” ހުސައިން ދީދީ ވިދާޅުވިއެވެ.

އިތުރަށް ހުސައިން ދީދީ ވިދާޅުވީ ހދ. ހަނިމާދު އަށް ދަތުރު ކުރި ސްޕީޑް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން ލައިފްޖެކެޓް އެޅުން މަޖްބޫރުކޮށް އެކަމާއި ބެހޭ ގޮތުން މަޝަވަރާ ކުރެވުނު ކަމަށެވެ. ” ދޯނި ދަތުރުކުރާއިރު ލައިފްޖެކެޓް ނާޅުވަން އެ މަޝްވަރާގައި ނިންމީ. އަދި ކަނޑު ގަދަވެ ލައިފްޖެކެޓް އަޅާކަހަލަ ހާލަތެއް ދިމާވެއްޖެ ނަމަ އެކަން ކުރާ ގޮތަށް ވާހަކަދެކެވުނީ” ހުސައިން ދީދީ ވިދާޅުވިއެވެ. މީގެ އިތުރުން ހުސައިން ދީދީ ވަނީ ކަންތައް ހިނގި ގޮތާއި ހިލާފަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައްކަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދަތުރުވެރިންނާއި އެސްޓީއެލްގެ ވާހަކައިންވެސް އެނގިގެން ދިޔައީ އެންމެ ކަމެކެވެ. ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ވަގުތެއް ނޭގޭނެއެވެ. ދޯންޏަކަށްވިޔަސް، ލޯންޗަކަށްވިޔަސް، ކަނޑަށް ނިކުންނައިރު ސަލާމަތީ ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމެވެ. ހިތާމަވެރި ހާދިސާއެއް ކުރިމަތިވާ ވަގުތު ސަލާމަތީ ވަސީލަތްތައް ހޯދަން އެއްވެސް މީހަކު ހަނދާނެއް ނުހުންނާނެ ކަމެވެ. އެހެންކަމުން މޫސުން ރަނގަޅަސް، އަދި ގޯހަސް ދަތުރުފަށާއިރު ލައިފްޖެކެޓް ލާންޖެހޭ ކަމެވެ. ވިއްސާރަ ދުވަސްވަރު ފުރާއިރު މޫސުމަށް ބަލަންޖެހޭ ކަމެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ.