ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް “ޖިސްމާނީ ހަމަލާއެއް” ދީފިކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނު ޓްވީޓްކުރެއްވީ ޙަޤީޤަތް އޮޅުވާލެއްވުމަށް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ، އަދި އިސްލާޙީ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާ އިބްރާހީމް ޖައުފަރު، ރައީސް ވަހީދަށް ހަމަލާދިން ކަމަށް ބުނެ އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތައް އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ”ގެ ނަމުން ރައީސް ވަހީދަށް މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ރައީސް ވަހީދު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށެވެ. އަދި އެގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކުރެވުނުހިނދު، “ޖިސްމާނީ ޙަމަލާއެއް” ދީފިކަމަށް ދޭހަވާގޮތަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި ދެކޭ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
“ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާއިރު، އޭގެތެރެއިން އިބްރާހީމް ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވޭ. އެގޮތުން އޭނާއަށް ލިބިލެއްވި އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަންޖެހިފައިވޭ”، އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
“ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމުގައި ހުންނެވިއިރު، އިބްރާހީމް ޖައުފަރަށް ކުރި ލާއިންސާނީ ބޮޑެތި އަނިޔާތައް ތަޙްޤީޤުކުރެވި އޭނާއަށް އިންސާފު ލިބިދެވިފައި ނުވާއިރު، އޭނާއަށް އެއަނިޔާތައް ކުރިމަތި ކުރުވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކާ މުޚާޠަބުކޮށް އޭނާ ނުރުހުމުގެ ބަސްތަކެއް ރައްދުކުރެއްވުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެއް”، އެ ބަޔާނުގައި ބުނެފައިވެއެވެ.
ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފުލިބިފައިނުވާއިރު، އެއަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާމެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނޭ ކަމީ ރައީސް ވަހީދުވެސް ޤަބޫލުކުރައްވަންޖެހޭނޭ ޙަޤީޤަތެއް ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން މިމޭރުމުން ބަޔާނެއް ނެރެފައިވާއިރު، ރައީސް ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ވަހީދުގެ ދެކަނބަލުންނަށް އެއްވެސް ޖިސްމާނީ ހަމަލާއެއް ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވައި އެ ދެ ކަނބަލުންނަށް ފުރައްސާރަކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ރައީސް ވަހީދުގެ ދެ ކަނބަލުންނާއި ދިމާލަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.