English Edition
Dhivehi Edition
ސްޕެއިންގެ އަސްޓޫރިއަސްގައި ޤާއިމްކޮށްފައިވާ އާބަން ގާޑަނެއް - ފޮޓޯ: ޕީއެކްސްފިއުލް

އަމިއްލަ ބިމުގައި ނުވަތަ އިމާރާތުގެ ޓެރަސްގައި އާބަން ގާޑަންއެއް ޤާއިމްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ “ކާނާގެ ޔަޤީންކަން” ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި “އާބަން ގާޑެނިން” މޮޑެލްއެއް ތަޢާރަފް ކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުސްބިމެއް ނުވަތަ ޓެރަސްއެއް ފަދަ ތަނެއްގައި ކަމަށާއި، ތަޢާރަފް ކުރެވޭ މޮޑެލް ބިނާވާނީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަމިނެއްގެ މައްޗަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ބުނީ ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެ ކަމަށާއި، ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށެވެ. އަދި ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދާ އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވާ ކަމަށާއި، މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ފޯރުކޮށްދޭނީ އެ މިނިސްޓްރީގެ ފަރާތުން ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެ ޕްރޮގްރާމްގެ ދަށުން ޤާއިމްކުރާ މޮޑެލް ގާޑަން އެފަރާތެއްގެ އަމިއްލަ ބިމުގައި ނުވަތަ އިމާރާތުގެ ޓެރަސްގައި ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއެކު ފިޝަރީޒް މިނިސްޓްރީ އަށް ހުށަހެޅުމުގެ ސުންގަޑި އަކީ ޖޫން 25 ވަނަ ދުވަހުގެ 14:00 އެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުން މޮޑެލް ގާޑަން ޤާއިމްކުރާނެ ބިމެއް ނުވަތަ ޓެރަސްއެއް ޚިޔާރުކުރުމުގައި ބަލާނެ ކެންތައްތަކުގެ ތެރޭގައި ހުށަހަޅުއްވާ ބިމަށް ނުވަތަ ޓެރަސްއަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރާއި، ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްގެ ސެކިޔުރިޓީ ބަލަހައްޓާ މިންވަރާއި، މިނިސްޓްރީން ޤާއިމްކުރާ މޮޑެލް އާންމުންނަށް ދައްކާ ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތައް އަދި ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއިން ޖާގަ ލިބެން އޮތް މިންވަރާއި، މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރާއި، މޮޑެލް ގާޑަން ޤާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު އަވަށްޓެރިންނަށާއި އެހެނިހެން އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތް އަދި މިންވަރުގެ އިތުރުން ހުށަހަޅުއްވާ ބިން ނުވަތަ ޓެރަސްއަށް މޫދު ލޮނުގެ އަސަރުކުރާ މިންވަރާއި އަވި ލިބޭ ނިސްބަތްވެސް ހިމެނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފަށާނީ ކޮވިޑް-19 އާއި ގުޅިގެން ކުރިއަށްދާ ފުރަބަންދުގެ ހާލަތު ނިމި، އާންމު ހާލަތަށް ރުޖޫޢަވެއްޖެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން އިޢުލާން ކުރުމުން ކަމަށެވެ.