އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ބެލްޖިއަމްގެ ފޯވާޑް ޑްރީސް މާޓެންސް ކާމިޔާބުކުރި ތާރީޚީ ލަނޑާއެކު 1-1 އިން އެއްވަރުކޮށް، 2-1 ގެ އެގްރިގޭޓުން ކުރިހޯދައި ނަޕޯލީ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މީގެ ހަތަރު މަސް ކުރީން، މި ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގު އިންޓަގެ ދަނޑުގައި ފަބިއަން ރުއިޒް ވައްދާލި ހިތްގައިމު ގޯލުން ކުރިހޯދީ ނަޕޯލީ އެވެ. އެހެންކަމުން، ރޭގެ މެޗަށް ނިކުތްއިރު އިންޓަ އަށް މޮޅުވުން ނޫން އެހެން ގޮތެއްނެތެވެ.
ނަޕޯލީގެ ސަން ޕައޮލޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި އިންޓަ އަށް ކުޅެމުން އަންނަ ޑެންމާކްގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވަނީ ލީޑްނަގައިދީފައެވެ. އެރިކްސަން ކޯނަރަކުން ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަންއިރު ނަޕޯލީގެ ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
އޭގެފަހުން، އިންޓަގެ ލީޑް ފުޅާކުރުމަށް އެ ޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އާއި އެންޓޯނިއޯ ކަންޑްރޭވާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ލުކާކޫ އާއި ކަންޑްރޭވާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ނަޕޯލީގެ ކީޕަރު އޮސްޕީނާ އެވެ.
މީގެއިތުރުން، ނަޕޯލީ އިން ޖެހި ގޯލުގައި ވެސް އޮސްޕީނާގެ ދައުރު ބޮޑެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ގޯލް ކުރިމަތިން އޮސްޕީނާ ފޮނުވާލި ބޯޅަ ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ އަށް ލިބުމުން، އޭނާ ދިން ޕާހަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މާޓެންސް އެވެ. މި ގޯލާއެކު މާޓެންސް ވަނީ އެ ކްލަބުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އުމުރުން 33 އަހަރުގެ މާޓެންސް ވަނީ ނަޕޯލީ އަށް މިހާތަނަށް ކުޅެދިން 310 މެޗުގައި 122 ލަނޑުޖަހާފައެވެ. އޭނާގެ ފަހަތުން ލަނޑު ލިސްޓުގެ ދެވަނައިގައި 121 ގޯލާއެކު ސްލޮވޭކިއާގެ މަރެކް ހަމްސިކް އޮތްއިރު، 115 ލަނޑުޖަހައިގެން މި ލިސްޓުގެ ތިންވަނައިގައި އޮތީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައި ވެސް ނަޕޯލީ އިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން، އިންޓަގެ އެޓޭކްތައް ހުއްޓުވުމުގައި އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިން ވަނީ ކެނޑިނޭޅި މަސައްކަތްކޮށްފައެވެ. ހާއްސަކޮށް، އިންޓަގެ މިޑްފީލްޑަރު އެރިކްސަން އާއި ވިކްޓަ މޯސެސް އަށް ލިބުނު ދެ ފުރުޞަތުގައި ގާތްގާތުގައި ފޮނުވާލި ދެ ހަމަލާ ނަޕޯލީގެ ކީޕަރު އޮސްޕީނާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ އެވެ. ފައިނަލުގައި ނަޕޯލީ ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. ޔުވެންޓަސް ފައިނަލަށް ދަތުރުކުރީ އޭސީ މިލާނުގެ މައްޗަށް ދެ ލެގުން ކުރި ހޯދައިގެންނެވެ.