English Edition
Dhivehi Edition
ރޭގެ މެޗުގައި އިންޓަގެ ފޯވާޑް ރޮމެލޫ ލުކާކޫ ޕެނަލްޓީސްޕޮޓްމަތީން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވައްދާލި ދެލަނޑާއެކު އަމިއްލަ ދަނޑުގައި ލާޒިއޯގެ މައްޗަށް 3-1 އިން ހޯދީ މޮޅާއެކު އިންޓަ މިލާނުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލީގުގައި އިންޓަ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވި 4 ވަނަ މެޗެވެ. އަނެއް މެޗުން ވީ އެއްވަރެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު ރަށުން ބޭރުގައި ސަމްޕްޑޯރިއާ އަތުންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސްޕެޒިއާ އަތުން އޭސީ މިލާން 2-0 އިން ބަލިވުމުގެ ފައިދާނަގައި އިންޓަ އަށް އެއްވަނަ އަށް އެރުމުގެ ފުރުޞަތު އޮތީ ހުޅުވިފައެވެ. ރޭގެ މެޗުން ހޯދީ މޮޅާއެކު، އިންޓަ އަށް ލިބިފައިވަނީ 22 މެޗުން 50 ޕޮއިންޓެވެ. ވާދަވެރި މިލާން އޮތީ އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިންވަނައިގައި އޮތް އޭއެސް ރޯމާ އަށް 43 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ 21 މެޗުން ހޯދީ 42 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ.

އިންޓަގެ ސެންސީރޯގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ލުކާކޫ އެވެ. މިއީ ސާޖް ނެބްރީ އެވެ. މިއީ ލާޒިއޯގެ ޑިފެންޑަރު ވެސްލީ ހޮއެޓް އިންޓަގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް އަށް ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލުކާކޫ ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މި ދެ ގޯލާއެކު ލުކާކޫ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ޖުމްލަ 300 ގޯލު ހަމަކޮށްފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ސާބިއާގެ މިޑްފީލްޑަރު ސަރްގެއި މިލިންކޮވިޗް ސަވިޗްގެ ގޯލުން ލާޒިއޯ ފަރަގު ކުޑަކޮށްފައިވަނިކޮށް، އޭގެ ތިން މިނެޓުފަހުން ލުކާކޫ ދިން ބޯޅައަކުން މާޓިނޭޒް ވަނީ އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރޯމާ އިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އުދިނޭޒީ ބަލިކޮށްފައެވެ. ކަލިއާރީ އަތުން ރަށުން ބޭރުގައި 1-0 އިން އެޓަލާންޓާ މޮޅުވިއިރު، ސަމްޕްޑޯރިއާ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ފިއޮރެންޓީނާ އަތުން މޮޅުވެފައެވެ.