English Edition
Dhivehi Edition
ކޮޕާ އިޓާލިއާގެ ސެމީގައި އޭސީ މިލާނާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުވެންޓަސް

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިޓަލީގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ރޭ ކުޅެވުނު އިޓާލިއަން ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އޭސީ މިލާނާއި 0-0 އިން އެއްވަރުވިނަމަވެސް، ރަށުން ބޭރުގައި ޖެހި ގޯލްގެ ތަފާތުން ޔުވެންޓަސް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިދިޔަ ފެބުރުއަރީ މަހު މިލާންގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ސެމީގެ ފުރަތަަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، މިލާންގެ ކްރޮއޭޝިއާ ފޯވާޑް އެންޓޭ ރެބިޗް އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރޭގެ މެޗަށް މިލާން ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު ފޯވާޑް ޒްލަޓާން އިބްރާހިމޮވިޗަށް ނުކުޅެވުމެވެ. ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތީ އަނިޔާއިން ރަނގަޅުވެ ފިޓްނަސް ލެވެލް ދަށްވުމުން އެ ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިން ކަމަށްވާ އާރޮން ރަމްސީ އަދި މެރިހް ޑެމިރާލްގެ އިތުރުން ގޮންޒާލޯ ހިގުއައިން އާ ނުލައެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 69 ވަރަކަށް ސިކުންތުގެ ތެރޭގައި އެ ޓީމުގެ ބްރެޒިލް ވިންގާ ޑަގްލަސް ކޮސްޓާ އަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވާއިރު، މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވެސް އެ ޓީމަށް ވައްދާނުލެވުނެވެ. ޕެނަލްޓީ އޭރިޔާގެ ތެރެއިން މިލާނުގެ އަންދްރެއާ ކޮންޓީގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ، ރޮނާލްޑޯ ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އޭގެ މިނެޓެއްފަހުން، ޔުވެންޓަސްގެ ޑަނީލޯ އަށް ކުރި ފައުލަކަށް މިލާންގެ ރެބިޗް އަށް ރެފްރީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، ޔުވެންޓަސް އިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލައި، ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައެވެ. މި ހާފު ނިމުމުގެކުރީން، ޔުވެންޓަސްގެ ބްލައިސް މަޓުއިޑީ އަށް ލިބުނު ފުރުޞަތުގައި މިލާންގެ ގޯލަށް އަމާޒުކޮށް އެއްފަހަރުން ފޮނުވާލި ހަމަލާ، އެ ޓީމުގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއެވެ.

ދެވަނަ ހާފު ފެށިގެން ލިބުނު ފުރަތަމަ ފުރުޞަތުގައި މިލާންގެ ހަކާން ޗާހަނޮގްލޫ ފޮނުވާލި ބޯޅަ، ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، މެޗުގެ 63 ވަނަ މިނެޓުގައި ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ އެ ޓީމުގެ މިރަލެމް ޕިޔަނިޗް އާއި މަޓުއިޑީ އަދި ކޮސްޓާގެ ބަދަލުގައި ސާމީ ކެދީރާ އާއި އެޑްރިއެން ރަބިއޯ އަދި ފެޑެރީކޯ ބާނަޑެސްކީ ކުޅެން ނެރެފައެވެ.

ޔުވެންޓަސްގެ މިޑްފީލްޑަށް ގެނައި ބަދަލުތަކާއެކު މިލާނަށް ކޮންމެވެސް ވަރެއްގެ އުއްމީދެއްލިބި ފުރަތަމަ ހާފަށްވުރެ ގިނަ ވަގުތު މި ހާފުގައި އެ ޓީމުން ބޯޅަ ގެންގުޅެފައިވާއިރު، އެ ޓީމުގެ އިސްމާއިލް ބެންނަސާ ތަނަވަސްކުރި ފުރުޞަތެއްގައި ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ސިމޮން ކިއާ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ފޮނުވާލި ހަމަލާއެއް މިލާންގެ ކީޕަރު ޑޮނަރުއްމާ މަތަކުރިއިރު، މެޗު ނިމެން ދަނިކޮށް އެ ޓީމުުގެ ހުއާން ކުއަޑްރާޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިމަތިން ބޭރަށެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި އިންޓަ މިލާން ނިކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ. އިންޓަގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ނަޕޯލީ ކާމިޔާބުކުރިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ފަބިއަން ރުއިޒް އެވެ.