English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގައި ގަނެވިއްކުމުގެ ޚިދުމަތްދޭ ފިހާރައެއް - ފޮޓޯ: އާކައިވް

ނޯޓު: މިއީ ކިޔުންތެރިއަކު އޭއޯއިއުސްއަށް ފޮނުވާފައިވާ ލިއުމެކެވެ. މިލިއުމުގައިވަނީ ކިޔުންތެރިޔާގެ އަމިއްލަ ޚިޔާލެވެ.

ނޯވެލް ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމާއި ގުޅިގެން ސަރުކާރުން ޢަމަލުކުރަން ފެށި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން މާލެ އޭރިއާ ލޮކްޑައުން އަކަށް ގެނެސް އަތޮޅުތެރޭގައި ސޯޝަލް ޑެސްކްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ގާއިމުކޮށް ގިނަ ހުރަސްތަކެއް ޢާއްމުކުރެވުނެވެ.

އޭގެ ތެރޭގައި ވިޔަފާރިކުރާ ތަންތަނުން ޢަމަލު ކުރާނެ ގައިޑްލައިންތަކެއް ވެސް ހިމެނުނެވެ. ދެން ފެނިގެންދިޔައީ ބައެއް ރަށްރަށުގެ ކައުންސިލްތަކުން މާލެ ސަރަޙައްދަށް ވުރެވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުން ދިޔަތަނެވެ. ބަލި ފެތުރިފައިނުވާ ރަށްރަށުގައި ވެސް ބޮޑު ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ.

ސަރުކާރަށް އެކަން ފާހަގަ ކުރެވި އެފަދަ ބައެއް ކަންކަން ލުއިކުރުވާފައި ވެސް އެބަހުއްޓެވެ. ނަމަވެސް ސަރުކާރަށް ވެސް ހުރިހާ ކައުންސިލަކުން އަމަލުކުރާ ހުރިހާ ފިޔަވަޅުތަކެއް މޮނިޓަރކޮށް ބަލާނެ އިންތިޒާމެއް ހަމަޖެހިފައިނުވިއެވެ. ނަތީޖާއަކަށް ވީ ކައުންސިލްތަކަށް އެރަށެއްގެ ކަންކަން ދޫކޮށްލުމެވެ.

އައްޑޫ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ވިޔަފާރިތަކާއި ގުޅުވައިގެން އިޢްލާނެއް ނެރުނީ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެއިޢްލާނުގެ ދަށުން އިރުއޮއްސޭ ފަހުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހުޅުވާފައި ބެހެއްޓުން މަނާ ކުރިއެވެ. ހަމައެހެންމެ ބަންދު ގަޑިތަކުގެ ވިޔަފާރިތަކުން ޑެލިވަރީގެ ޚިދުމަތް ދިނުމަށް ބާރުއެޅިއެވެ. ކައުންސިލްގެ އެނިންމުން ނިންމާފައިވަނީ ހެޗްޕީއޭގެ ޑިރެކްޓާރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ސީދާ ސޯޝަލް ޑެސްކުން ކަމަށް ކައުންސިލްގެ އިޢްލާނުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް މިއަދާއި ހަމަޔަށް އައިއިރުވެސް ސޯޝަލް ޑެސްކު އެކުލެވިފައިވާ ގޮތާއި މެމްބަރުންނަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވެފައި ނުވެއެވެ. ވިޔަފާރިވެރިން ބުނަމުން ދިޔައީ މިފަދަ ނިންމުމެއް ނިންމި އިރު އެއްވެސް ވަރަކަށް އެއްވެސް ބަޔަކާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ. ރައްޔިތުންނަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދެމުން ދިޔައިރު ހުރިހާ ބުރައެއް އުފުލަން ޖެހެނީ އެމީހުންނަށް ކަމަށް ވާއިރު މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.

ވިޔަފާރިިވެރިންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެ ޖެހިގެން އައިރޭ ޕްރެސް ބްރީފިންގައި ސަރުކާރުގެ ތަރުޖަމާނުގެ ދޫފުޅުން އައްޑޫ ސިޓީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމީ ހާލަތަށް ނުބައްލަވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މާރޗް 28 ގައި ކައުންސިލުން އިއްލާނެއް ނެރެ އެފަދަ ޙާލަތެއް ނެތްކަމަށް އެއްބަސްވެ ކުރީގެ އެންގުން އަނބުރާ ގެންދިޔައެވެ.

އޭގެ ގާތް ގަނޑަކަށް ތިންހަފްތާ ފަހުން އޭޕްރީލް 21 ވަނަ ދުވަހު އިޢްލާނެއް ނެރެ ޑެލިވަރީ ކުރުން ފިޔަވައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ހުޅުވާފައި ބެހެއްޓުން މަނާކުރިއެވެ. އަދި އަމުރާއި ޚިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު ދިނެވެ. އަދި ބައެއް ފިހާރަތައް ކުރަންވެސް ކުރިއެވެ.

އަނެއްކާ ވެސް ވިޔަފާރިތަކުން ބުނަމުން ދިޔައީ ޑެލިވަރީކޮށްގެން ދިމާވަދަތިތަކުގެ ވާހަކައެވެ. އެވްރެޖްކޮށް ޑެލިވަރީ އޯޑަރެއް ތައްޔާރުކުރަން 10 މިނިޓް ހޭދަވާކަމަށް ބުންޏެވެ. އެމީހުން ބުނިގޮތުން ކައުންސިލުން އެމީހުންގެ ވާހަކަތައް އަޑެއް ނާހައެވެ. ކުރީ މުޅިންވެސް އަމުރެވެ. ގިނަ ވިޔަފާރިތަކުން އުނދަގޫ ވިޔަސް ބޯލެބިއެވެ. އެމީހުން ވެސް ބެލީ މިހާލަތުގައި ކައުންސިލްތަކަށް އެއްބާރުލުން ދީ އެހީތެރިވުމަށެވެ. ހުޅަނގު ވިއްސާރައިގެ ބޯވިއްސާރަ އާއި ވަޔާއި އެކު، މުޅި ރޯދަ މަސް ދިޔައީ އެކަހަލަ ގޮތަކަށެވެ.

ރޯދަ ނިމެން އުޅެނިކޮށް ސިއްޙީ މާހިރުންގެ ލަފާތައް ބަދަލުވާން ފެށި އެވެ. މާލެތެރެއިން ގިނަ ބަޔަކަށް ބަލި ޖެހުނީ ސީދާ ޑެލިވަރީކުރުމުގެ ސަބަބުންކަމަށް ބެލެވި ޑެލިވަރީ އަކީ ޙައްލެއް ނޫންކަމެއް ބުންޏެވެ.

އަދި މާލެތެރެއިން ބަލި ޖެހޭ މީހުންގެ ޢަދަދު މަދުވެ ރަނގަޅުވާ މީހުން އިތުރުވާން ފެށިއެވެ. އެއާއި އެކު ސަރުކާރުން އަޅާފައިވާ ފިޔަވާޅުތަކަށް ލުއިތައް ދިނުމުގެ ޕްލޭނެއް އެކުލަވާލެވި ފޭސް ތަކަކަށް ބެހިގެން އެއަށް ޢަމަލުކުރަން ފެށުނެވެ. ކަރަންޓީނުގައި ނުވާ ރަށްތަކުގައި މިނިވަންކަމާއި އެކު އުޅުމުގެ ފުރުޞަތު ހުޅުވާލާއި މިސްކިތްތައް ވެސް އަލުން ހުޅުވިއެވެ.

އައްޑޫ ކައުންސިލުން ވެސް ލުއިތަކެއް ދީ މިސްކިތްތައް ހުޅުވުމުގެ ފުރުޞަތު ދިނެވެ. ނަމަވެސް ވިޔަފާރިތަކާއި މެދު ޢަމަލުކުރި ގޮތާއި މެދު އެހެން ރަށްރަށާއި ތަފާތެވެ.

އައްޑޫ ސިޓީ ކައުންސިލުން އެންމެ ފަހުން ނެރެފައިވާ ވިޔަފާރި އާއި ގުޅޭ އިޢްލާން ބުނާގޮތުން މިއަދާ ހަމަޔަށް ވެސް ޢާއްމު ވިޔަފާރިތަށް އިރު އޮއްސޭ ފަހުން ނުހުހުޅުވެއެވެ. އަދި ޑެލިވަރީގެ ޚިދުމަތެއް ވެސް ނުދެވެއެވެ. އެހެނެއްކަމަކު ރޭގަނޑު ގަޑިތަކުގައި ވެސް ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓެއެވެ. އަދި ގައިގޯޅިކޮށް އިށީދެ ތިބެވެއެވެ.

އެހެން ކަމުން ވިޔަފާރިތަކުންނާއި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިހާރު އުފައްދާ ސުވާލަކީ އައްޑޫ ކައުންސިލުން ބޭނުންވާ ހަގީގީ މަގްސަދަކީ ކޮބައިތޯއެވެ.

މިހާރު ކޮވިޑް ކަންތައް ވެސް މިއޮތް ކޮންޓްރޯލް ވަނީ އެވެ. ޢާއްމު ތަންތަނަށް މިނިވަން ކަމާއި އެކު އުޅެވެއެވެ. މިސްކިތްތަކަށް ދިއުމުގައި ވެސް އެއްވެސް ހުރަހެއް ނެތެވެ. ވީ އިރު މިފަދަ ޙައްޞާސް ދަނޑިވަޅެއްގައި ވިޔަފާރިތަކަށް ތަފާތު އުސޫލުން ކަންކަން ކުރަންޖެހޭ ސަބަބު ނުވިސްނޭ ކަމަށް އެމީހުން ހާމަ ކުރެއެވެ.

ފިއްތުންތަކާއި އެކު ކުރީގެ އިޢްލާން ކެންސަލް ކުރުމަކާއި ނުލައި ކައުންސިލުން މިހާރު ވަނީ އަނގަބަހުން ފިހާރަތައް ހުޅުވިޔަސް މައްސަލައެއް ނޫންކަމުގައި ބުނެމުންނެވެ. އަދި މިއަދަށް މުއްދަތު ހަމަވާގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ނަމުގައި ދެދުވަހުގެ ސާވޭއެއް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ. ޢާއްމުކޮށް ސޯޝަލް ސާވޭތައް ހިންގަނީ ސާމްޕްލް އެއް ހެދުމަށް ފަހު ވަކި އުސޫލުތަކެއްގެ މަތިންނެވެ. ނަމަވެސް ޒާތީ ބައެއް މަޢްލޫމާތު ހިމެނުމަށް މަޖުބޫރުކޮށްފައިވާ މިސާވޭއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކައުންސިލުން ސިދާގޮތެއްގައި ކައުންސިލްގެ މަގްސަދު ޙާސިލުކުރަން ބޭނުން ނުވިކަމުގައި ވިޔަސް، ސާވޭގައި ހިމެނިފައިވާ ސުވާލުތަކުން ދޭހަވާގޮތުގައި ކައުންސިލުން މިހާރު ބޭނުންވަނީ ދާއިމީ ގޮތެއްގައި ވިޔަފާރިތައް އިރުއޮއްސޭ ފަހުން ބަންދުކޮށްފައި ބެހެެއްޓުމެވެ. އަދި މަޢްލޫމާތު ލިބޭގޮތުގައި މަގްސަދަކީ މުވައްޒަފުންނަށާއި ވިޔަފާރިވެރިންނަށް ރޭގަނޑު ގަޑިތައް ޢާއިލާއާއި އެކު ހޭދަ ކުރުމަށް ފަހި ކުރުމާއި މުނިފޫހިފިލުވުމަށް ވަގުތު ދިނުމެވެ.

މިކަމާއި ގުޅޭގޮތުން ހިތަދޫ އަދި ފޭދޫ އަދި ހިތަދޫގެ ބޮޑެތި ގިނަ ވިޔަފާރިތަކާއި ސުވާލުކޮށްލުމުން އެމީހުންގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ. އެމީހުން ބުނާގޮތުން އެމީހުންނާއި ގުޅުން ހުރި މިފަދަ ބޮޑު ނިންމުމެއް ނިންމަން ތައްޔާރު ވަމުންދާއިރު މިއަދާއި ހަމަޔަށް ވެސް އެއްވެސް ޒާތެއްގެ އެއްވެސް މަޝްވަރާއެއް އަދި ޚިޔާލު ހޯދުމެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ. އިގްތިޞާދީ ބޮޑު އަނދަވަޅަކުން އަރައިގަންނަންދާ މިދަނޑިވަޅުގައި ސިޓީކައުންސިލަކުން ކަންކުރަން ޖެހޭނެ ގޮތް ނޫންކަމުގައި އެމީހުން ބުނެއެވެ.

ފޭދޫގެ ބޮޑު ސުޕާމާޓެއް ހިންގާ ފަރާތަކުން ބުނި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި އިރުއޮއްސޭ ފަހުން ވިޔަފާރި މަނާ ކުރާ އުސޫލު ނޯންނަކަމަށެވެ. ވަކިން ޚާއްސަކޮށް ސުޕަރމާކެޓްތަކާއި ޝޮޕިންގ ސެންޓަރު ތަކަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ރޭގަޑު ނުވައެއް ދިހައެއް ޖަހަންދެން ހުޅުވިފައި ހުންނަ ތަންނެވެ. ދިވެހި ރާއްޖެއަކީ މިނިވަން ވިޔަފާރީގެ އުސޫލުތައް ގެންގުޅެމުންދާ ގައުމަކަށް ވެފައި މިފަދަ ފިއްތުމެއް އައިސްގެން ނުވާނެއެވެ. އިކޮނޮމިކް މިނިސްޓްރީ އަކީ ވިޔަފާރިތައް ހިމާޔަތްކޮށް ދިރުވަން އޮތްތަނަކަށް ވެފައި މިކަމާއި މެދު އެއްޗެކޭ ބުނުމަށް ގޮވާލިއެވެ.

ހިތަދޫ ވިޔަފާރި ވެރިއަކު ބުނި ގޮތުގައި ހެދުނު ހަޔަކުން ނުވަޔަކަށް ފިހާރަތަށް ހުޅުވާ ގައުމެއް ވެސް ނެތެވެ. ހުރިހާ ގައުމެއްގައި ވެސް ހެދުނުގެ ނާސްތާ ހަމަކުރަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ދުވާލު މަސައްކަތް ކުރާ މީހުންނަށް ރޭގަނޑުން ގަޑިތަކުގައި ބޭރަށް ނިކުމެ ޒަރޫރީ ބޭނުންތައް ފުއްދާލެވެން ޖެހެއެވެ.

އެކި މީހުންނަށް މުނި ފޫހި ފިލުވުމަކަށް ވަނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ރޭގަނޑު ގަޑިތަކުގައި ފަރުމަހަށް ދިއުން މުހިއްމު އަދި ހިތްހަމަ ޖެހޭ ކަމަކަށް ވާއިރު އަނެއް ބަޔަކަށް ބޭރުތެރެއަށް ނިކުމެ ޝޮޕިން ހަދާލާ ކޮފީއެއް ބޯލުމަކީ ނުހަނު ބޮޑު ހިތްހަމަ ޖެހުމެކެވެ. އަދި ގޭތެރޭގައި މަޖުބޫރުން ބަނދެވިގެން ލޮކްޑައުން އެއްގެ ސިފައިގައި ތިބެން ނުޖެހެއެވެ.

ޚިޔާލުތައް ހުރީ ތަފާތު ކޮށެވެ. ބައެއް ހާޑުވެއަރ ވިޔަފާރިތަކުން ބުނަނީ ހަވީރު ބަންދު ކުރުން މައްސަލައަކަށް ނުވާ ކަމަށާއި ޢާމްދަނީއަށް ވެސް ބަދަލު ނާންނަ ކަމަށެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށާއި އަންޑަސްޓޭންޑިންގ އެއްގެތެރެއިން ކަމަށެވެ.

މިސާލެއްގެ ގޮތުން މާލޭގައި މިހާރު ހާޑުވެއާރ ފިހާތަކާއި، ކޮމްޕިއުޓަރު ވިއްކާ ތަންތަނާއި ފަރުނީޗާރު ވިއްކާ ތަންތަން ހުކުރު ދުވަސްދުވަހު ނުހުޅުވަނީ ގަވާއިދެއްގެ ތެރެއިން ގަދަ ބާރުން މަޖުބޫރުން ނޫން ކަމަކަށާއި ވަކި ވިސްނުމެއްގެ ތެރެއިން ކަމަށެވެ. އެފަދަ ވިސްނުމެއް އުފައްދަން އަހަރުމެންނަށް ވެސް މަސައްކަތް ކުރެވިދާނެއެވެ. ގަދަ ބާރަކުން ނޫނެވެ.

ޚިޔާލު ތަފާތުވުން ބޮޑު މިމައްސަލަ ވަނީ ހައްލުކުރަން އުނދަގޫ މައްސަލައަކަށެވެ. އޮޅުން ބޮޅުން ބޮޑެވެ. ބައެއް މީހުން ސިފަކުރަނީ އަރަތެއްގެ ގޮތުގައެވެ. ބެލެވޭގޮތުގައި މިހާރު ނެގިފައިވާ ސާވޭ އަށް ބިނާކޮށް އެންމެން ގަބޫލުކުރާ ހައްލެއް ނުރެވިދާނެއެވެ. ކޮންމެއަކަސް، ލަފާ ކުރެވޭގޮތުގައި ކައުންސިލުން ފަހަރުގައި ދެވަނަ ވިސްނުމަކަށް ގޮސް ވިޔަފާރިތަކާއި މަޝްވަރާކުރުން ކުރިއަށް ގެންގޮސްފާނެއެވެ. އަދި އިކޮމިކް މިނިސްޓްރީގެ އެހީތެރިކަން ލިބިގެން ދިއުން ވެސް އެކަށީގެންވެއެވެ.

 

 

 

1 ކޮމެންޓް
ޟަހާ
ޖޫން 12, 2020
އިސްލާމް ދީނުގައި ވަނީ ކޮން ގޮތެއްތޯ ބަލާލަން މުހިންމު. ހީވަނީ އިޝާ ނަމާދައްފަހު މުސްލިމުން ގެއިން ބޭރަށް ނުދިއުން ހެން އެންމެ ރަނގަޅީ. 19:00 އަށް ފަހު ފިހާަރަތައް ބަންދުކުރުން ރަނގަޅު ކަންނޭގެ.