English Edition
Dhivehi Edition
ސްކީމްގެ ފުރަތަމަ ގައުމީ ހިންގާ ކޮމެޓީގެ މެމްބަރުން

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ސްކީމަަށް އެއް އަހަރުފުރުން ފާހަގަ ކުރުމަށް އިއްޔެވަނީ ސޯޝަލް މީޑިއާގައި މި ދުވަސް ކުލަގަދަކޮށްފާހަގަ ކޮށް އޮންލައިން ކޮށް އަހަރީ ދުވަހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައެވެ. ޒޫމްގައި ބޭއްވި އޮންލައިން ޖަލްސާގައި ޖަމިއްޔާގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް ގެ ފަރާތުން ޖަމިއްޔާ ތަކުގެ ރަޖިސްޓްރަރ އަޙްމަދު އިރާޝް ވަނީ ބައިވެރިވެ ވަޑައިގެން މެމްބަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި އަދި ސްކީމުން ކޮށްފައިވާ ކާމިޔާބު މަސައްކަތް ތައް ފާހަގަކުރައްވަވާފައެވެ.

ސްކީމްގެ ފުރަތަމަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާއިން ވަނީ އެ ޖަމިއްޔާއަށް ވޭތުވެދިޔަ އަހަރު ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވެވި 2 ފަރާތަކަށް އޮނަރަރީ މެމްބަރޝިޕް އަރުވާފައެވެ. ސްކީމްގެ ފުރަތަމަ އޮނަރަރީ މެމްބަރޝިޕް އަރުވާފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗް އާރު ޕްރޮފެޝަނަލްސް (މާޕް) ގެ ރައީސް ޙުސައިން އަފީފަށާއި އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަޙީދަށެވެ.

ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި ޖަމިއްޔާއިން ވަނީ ސްކީމްގެ އެންމެ ހިންގުންތެރި ޗެޕްޓަރ ހޮވައި “ސްކީމް ޗެޕްޓަރ އެވޯޑު” ވެސް ހަވާލުކޮށްފައެވެ. ސްކީމްގެ ފުރަތަމަ ޗެޕްޓަރ އެވޯޑު ހާސިލްކޮށްފައިވަނީ ގދ. އަތޮޅު ޗެޕްޓަރ އިންނެވެ. މިއީ ސްކީމްގެ ޗެޕްޓަރ ތަކުގެ ތެރެއިން އަމިއްލަ އަށް އިސްނަގައިގެން ފާހަގަ ކޮށްލެވޭފަދަ ކާމިޔާބު މަސައްކަތްތައް ކުރާ ފަރާތްތަކަށް ސްކީމުން ދޭ އެވޯޑެކެވެ.

ސްކީމުން ވަނީ ޖަމިއްޔާގެ މެމްބަރޝިޕް އާންމުކޮށް ހުޅުވާލައި އަދި މެމްބަރުންނަށް ޚާއްޞަ މެމްބަރޝިޕް ކާޑެއްވެސް ތައާރަފްކޮށްފައެވެ. ސްކީމްގެ މެމްބަރަކަށް ވުމަށް ބޭނުންވާ ފަރާތްތަކުން ސްކީމްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުމުން މެމްބަރޝިޕްގެ ކަންތައްތައް ކުރިއަށް ގެންދެވެއެވެ. ސްކީމްގެ ފޭސްބުކް ޕޭޖް ލިންކަކީ https://www.facebook.com/SCEAM2019/ އެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަންފެށި ރާއްޖޭގެ ފުރަތަމަ ސަރަހައްދީ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ މުއައްސިސުންނަކީ ސ. ހިތަދޫ އާސްޓްރަލްގެ ޝިމްލާ އަޙްމަދު ، ސ. ހިތަދޫ ނޮވެމްބަރުގެ އާމިނަތު އަލީ އަދި ސ. ހިތަދޫ އަލްމާސް ނަސްރަތު ތޯހިރުގެ އިތުރުން ސ. މަރަދޫ މަހިނޫރު ދިހުޝާނާއެވެ.

ސްކީމްގެ އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ހިންގާ ކޮމެޓީގެ ރައީސާ އަކީ އޭއޯ ނިއުސް އަދި އޭއޯ ޗެނެލްގެ ފައުންޑަރ އަދި ސީއީއޯ ޝިމްލާ އަޙްމަދެވެ.