ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް)ގެ ރައީސްކަމަށް އެ ގައުމުގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިޔަސް ވާދަނުކުރަން ނިންމާފައިވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރެއާލްގެ ކުރީގެ ކީޕަރު ކަސިޔަސް ވަނީ މިދިޔަ ފެބުރުއަރީ މަހު ކުރި ޓުވީޓެއްގައި އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސްކަމަށް މިހާރުގެ ރައީސް ލުއިސް ރުބިއަލްސްއާ ވާދަކުރާނެ ކަމަށް ބުނެފައެވެ.
މިކަމާ ގުޅޭގޮތުން އެ ގައުމުގެ ރޭޑިއޯ އޮންޑާ ސީރޯ އިން މައުލޫމާތުދިން ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރަން ކަސިޔަސް ނިންމާފައިވާކަމަށާއި، އެގޮތުން މިހާރު މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރީކޮޅު އޭނާ ވަނީ މިއީ އިންތިހާބާ ބެހޭގޮތުން ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް ބުނެފައިވާ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.
މިހާރު އުމުރުން 39 އަހަރުގެ ކަސިޔަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު ޓީމުގެ ކެޕްޓަނެވެ. ސްޕެއިން ގައުމީ ޓީމަށް 167 މެޗު ކުޅެދިން ކަސިޔަސް ވަނީ ރެއާލަށް ވެސް 500 އަށް ވުރެން ގިނަ މެޗު ކުޅެފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް އިންތިހާބުގައި ކަސިޔަސް ވާދަނުކުރާން ނިންމީ އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމުން ރަނގަޅު ސަޕޯޓިވް ޓީމެއް އެކުލަވާނުލުވެމުން ކަމަށް ވެސް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަންނަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއްލާންކޮށްފައިވަނީ މިހާރުގެ ރައީސް ރުބިއަލްސް އެކަންޏެވެ. އިތުރު ކެންޑިޑޭޓެއް މަގާމަށް ކުރިމަތިނުލައްވާނަމަ ދެވަނަ ދައުރަކަށް ރުބިއަލްސް ހޮވޭނެ އެވެ.