ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން ރޭ އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ރެއާލް ބެޓިސް އަތުން 2-0 އިން ސެވިއްޔާ މޮޅުވެއްޖެއެވެ.
ގްރޭން ޑާބީގެ ނަމުން މަޝްހޫރުވެފައިވާ މި މެޗުން މޮޅުވެ ސެވިއްޔާ ވަނީ 50 ޕޮއިންޓާއެކު ތާވަލްގެ ތިންވަނަ އަށް ޖެހިލައިފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ބާސެލޯނާ އަށް 58 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ބެޓިސް އުޅެނީ 33 ޕޮއިންޓާއެކު 12 ވަނައިގައެވެ.
ސެވިއްޔާގެ ދަނޑު ރާމޯން ސަންޗޭޒް ޕިޒްހުއާންގައި ރޭ ކުޅުނު މި މެޗު ފެށިގެން ބެޓިސްގެ ގޯލަށް ގިނަ ހަމަލާތަކެއް އެ ޓީމުން ފޮނުވާލާފައިވާއިރު، މެޗުގެ ކުރީކޮޅު ސެވިއްޔާގެ އާޖެންޓީނާ ވިންގާ ލޫކަސް އޮކަމްޕޯސް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން އެ ޓީމުގެ ޖޫލެސް ކޫންޑޭ އަދި ލޫކް ޑިޔޮން އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
އޭގެނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހާފު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމިފައިވާއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ސެވިއްޔާގެ ހޮލެންޑް ފޯވާޑް ޑިޔޮން އަށް ބެޓިސްގެ ޑިފެންޑަރު މާކް ބަޓްރާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ލީޑްނަގައިދިނީ އޮކަމްޕޯސް އެވެ.
ސެވިއްޔާގެ ދެވަނަ ލަނޑު، މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދިނީ މެންޗެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑަރު ފެނާންޑޯ އެވެ. މިއީ އެ ޓީމުގެ އޮކަމްޕޯސް ދިން ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.
އޭގެފަހުން، ބެޓިސްގެ ނަބީލް ފެކީރް އާއި ބޯރްހާ އިގްލީސިއަސް އަށް ފުލުފުލުގައި ލިބުނު ދެ ފުރުޞަތުގައި ފޮނުވާލި ހަމަލާތައް ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، މުޅި މެޗުގައި އެ ޓީމުން ސެވިއްޔާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ބޯޅަ، އަލްފޮންސޯ ޕެޑްރާޒާ ފޮނުވާލުމުން ސެވިއްޔާގެ ކީޕަރު ތޯމަސް ވަސްލިކް މަތަކުރިއެވެ.
ލަލީގާގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖޭގަޑިން 22:20 ގައި އަމިއްލަ ދަނޑުގައި ގެޓަފޭއާ ދެކޮޅަށް ގްރަނާޑާ ނިކުންނައިރު، މިރޭގެ ފަހު މެޗުގައި ދަންވަރު 1:00 ގައި ވެލެންސިއާ ނިކުންނާނީ ލެވަންޓޭއާ ދެކޮޅަށެވެ.
މި މުބާރާތުގައި ބާސެލޯނާ ކުޅޭ މެޗުގައި މި މަހުގެ 14 ވާ އާދީއްތަ ދުވަހު ރާއްޖޭގަޑިން 1:00 ގައި ރަށުންބޭރުގައި މަޔޯކާއާ ދެކޮޅަށް ނިކުންނައިރު، ވާދަވެރި ރެއާލްއާ އެއިބާ ބައްދަލުކުރާ މެޗު ކުޅެވޭނީ އާދީއްތަ ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން 22:30 ގައެވެ.