English Edition
Dhivehi Edition
ފުލުހުންގެ ފްރަންޓްލައިން އޮފިސަރެއް މާލޭގެ މަގެއް ޕެޓްރޯލް ކުރަނީ - ފައިލްފޮޓޯ: ޕޮލިސް

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މެއި 28 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ލިބިފައިވާ ލުއިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ބަލައި، ޖޫން 15 ވަނަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ރާވާފައިވުމާއެކު، މިއަދުން ފެށިގެން ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ޙާލަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމުގެ އިތުރުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅާށް މީހުން އަރައި ފޭބުން މަނާވާނެ އެވެ.

ނަމަވެސް މި ޙާލަތުގައި ބައެއް ލުއިތައް ދިނުމަށްވެސް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި:

  1. ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން.
  2. އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުމެ އުޅުން.
  3. މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން.
  4. މާލެ އާއި ތިލަފުށްޓާ ދެމެެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން.
  5. ހުއްދަ ލިބިގެން ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިއުމާއި، އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން.
  6. އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން.
  7. ކޮންސްޓްރަކްޝަން މަސައްކަތްތައް މާލެ ސިޓީ ކައުންސިލާއި އެޗްޑީސީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން.
  8. ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކްތަކުން ދެވޭ ޚިދުމަތްތައް އިތުރުކުރުން.
  9. ޞިއްޙީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ދިނުން އިތުރުކުރުން

ފުރަބަންދުގެ ޙާލަތަށް މާލެ ގެނެވުނީ މާލެއިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 އަށް މީހަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވި ހިސާބުންނެވެ.

މުޅި ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 1976 ކަމަށްވާއިރު، އެ ބަލިން ރާއްޖެއިން 1153 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް އަށް މީހަކު ވަނީ މަރުވެފަ އެވެ.