English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހައުސިންގ މިނިސްޓްރީ އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރައީސް ޞާލިޙް މިހެން ނިންމެވިއިރު، ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އާމިނަތު ޢާޠިފާ ވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން އާމިނަތު ޢާޠިފާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

އާމިނަތު ޢާޠިފާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިޢުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ގެންދެވީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވަމުންނެވެ.