English Edition
Dhivehi Edition
ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ. --ފޮޓޯ: އޭޕީ

ސްވިޒަލޭންޑްގެ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މި ސީޒަން ނިމިއްޖެއެވެ.

އުމުރުން 38 އަހަރުގެ ފެޑެރާގެ ކަނާތު ކަކުލަށް އަނިޔާވެގެން މިދިޔަ ފެބުރުއަރީ މަހުގައި ކުރި އޮޕަރޭޝަނަށް ފަހު ޓެނިހުގެ މައިދާނަށް އެނބުރިއައުމަށް ކުރަމުން އައި މަސައްކަތްތަކަށް އިތުރު ހުރަހެއް ކުރިމަތިވީ ދެވަނަ ފަހަރަށް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ.

ގްރޭންޑް ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ފެޑެރާ ވަނީ އަނިޔާއިން މުޅިން ރަނގަޅުވެ އަންނަ އަހަރުގެ ކުރީކޮޅު ކުޅުމަށް އެނބުރި އައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައެވެ

“އަނިޔާއިން ރަނގަޅުވެ ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ކުރީކޮޅު ކުޅުމަށް އެނބުރި އައުމަށް މަސައްކަތްކުރަމުން މިދަނީ.” ފެޑެރާ ކުރި ޓުވީޓެއްގައިވެއެވެ.

ދާދިފަހުން އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ، ފޯބްސް އިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެތުލީޓަކީ ފެޑެރާ ކަމަށެވެ. އެ މަޖައްލާއިން ކޮންމެ އަހަރަކު އާއްމުކުރަމުން އަންނަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 އެތުލީޓުންގެ ލިސްޓުގެ އެންމެ ކުރިއަށް ފެޑެރާ ޖެހިލީ ކުރިން އެއްވަނައިގައި އޮތް އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

މީގެކުރީން، 2016 ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ތެރެއިން ފެޑެރާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އެ ފަހަރުގެ އޮލިމްޕިކްސް ވެސް ވަނީ ގެއްލިފައެވެ. ފެޑެރާ އެންމެފަހުން ކުޅެފައިވާ މި އަހަރުގެ ޖަނަވަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ބަލިވީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުންނެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން އެހެން ކުޅިވަރު ހަރަކާތްތަކެކޭ އެއްފަދައިން މި އަހަރު ކުރިއަށް އޮތް ޓެނިސް މުބާރާތްތައް ވެސް މިދިޔަ މާރިޗް މަހުގައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ކޮވިޑް-19ގެ ސަބަބުން މިހާރު މެދުކަނޑާލާފައިވާ ޓެނިސް މުބާރާތްތަކުގެ ތެރެއިން ޔޫއެސްް އޯޕަން އަންނަ އޯގަސްޓް މަހުގެ 31 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށް ފްރެންޗް އޯޕަން ފަށާނީ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.