2021 އިން ފެށިގެން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރާ ގޮތަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބިލު އެކުލަވާލުމުގައި، އިސްކަންދީފައިވާނީ، އެކި ސިނާޢަތްތަށް ފަށައި، ތަރައްޤީކުރުމަށް ބޭނުންވާ ތަކެއްޗާއި، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިން ޑިއުޓީ ރޭޓު ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށެވެ. އަދި ތިމާވެއްޓާއި، ޢާންމު ޞިއްޙަތަށް ގެއްލުންވާ ބައެއް ތަކެތިން ޑިއުޓީ ބޮޑުކުރުމަށް ކަމަށެވެ.
މީގެ އިތުރުން އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަން، އޮޑި ދޯނި ފަހަރާއި ބޯޓު ބަނުން، ޢިމާރާތްކުރުން އަދި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާއިރު، ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން، ބައެއް ތަކެތިން ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.
އޭގެ ތެރޭގައި، ޑްރިންކިންގ ސްޓްރޯ އަދި ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސް އާއި ކަޓްލަރީސް ފަދަ ތަކެތި ހިމެނޭ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ހިމަނާފައިވެއެވެ. އަދި 01 ޖެނުއަރީ 2021 އިން ފެށިގެން، ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޞިއްޙަތަށް ގެއްލުންވާ ކަމަށް ބެލެވޭ ބައެއް ތަކެތިންވެސް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި، ސޮފްޓް ޑްރިންކްސް އަދި ގިނައިން ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓު ބޮޑުކުރުމަށް ހުށަހަޅާފައިވާނެއެވެ. ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުންވެސް ޑިއުޓީ ނެގުމަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް އަދި ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިގިރެޓާއި އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ހިމެނޭ ގޮތަށް، ޑިއުޓީ ނެގުމަށްވެސް ހުށަހަޅާފައިވާއިރު، ކޮންޓްރޯލްކޮށްފައިވާ ތަކެތީގެ ތެރެއިން، ބަނގުރާ އެކުލެވޭ ބައެއް ބުއިންތަކުން، އެތެރެކުރާ މިންވަރަށް ރިޢާޔަތްކޮށް، ސްޕެސިފިކް ޑިއުޓީއެއް ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.
މިހާރު ހުށަހަޅާފައިވާ ގޮތުން، ލުއިތަކެއް ސީދާ ލިބޭނެ ފަރާތްތަކުގެ ތެރޭގައި، އާންމު ރައްޔިތުންނާއި ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނެއެވެ. އެގޮތުން، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ހަދާފައި ހުންނަ އިންޖީނުލީ ދުއްވާ އެއްޗެއްސާއި އިންޖީނުނުލާ ދުއްވާ އެއްޗެހި އަދި މި ތަކެތީގެ ބައިތައް އަދި އެފަދަ އެއްޗެހީގެ އިންޖީނު ހިމެނޭ ގޮތަށް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެއެވެ.
އަދި ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތިންވެސް ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާނެއެވެ. މިގޮތުން، ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި، ޑޮމެސްޓިކް ދޮންނަ މެޝިން، ފެން ފިލްޓަރ ކުރުމަށާއި ސާފުކުރުމަށް ބޭނުންކުރެވޭ ގެވެހި ސާމާނު އަދި އިންވާރޓަރ އެއާރ ކޯންޑިޝަނަރ ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތިންވެސް ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވެއެވެ.
ރާއްޖޭގައި ބޯޓުފަހަރު ބަނެ، ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން، ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިންގ ސްޓްރަކްޗަރތަކުން ޑިއުޓީ ނެގުމަށް ހުށަހަޅާފައިވާއިރު، ފަސިންޖަރުން އުފުލުމަށް ޚާއްޞަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައިނުވާ ކާރު، ޖީޕް، ވޭންގެ ޑިއުޓީ ރޭޓު 0 އަށް ކުޑަކުރުމަށް، ފަސިންޖަރުން އުފުލުމަށް ޚާއްޞަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އެއްޗެހީގެ ތެރެއިން، ބޭނުންކޮށްފައިހުންނަ ކާރު، ޖީޕް، ވޭން %300 އަށް ބޮޑު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެސިޓީ ފިޔަވައި، ރަށުގެ ބޮޑުމިނާއި، ދަތުރު ފަތުރުކުރުމުގެ ވަސީލަތްތަކުގެ މުހިންމުކަމަށް ބަލައި، ވަކި ރަށްތަކެއް ކަނޑައަޅައި، ގެޒެޓުކުރުމަށްފަހު، އެފަދަ ރަށްތަކުގައި ބޭނުންކުރުމަށް ގެންނަ އެއްގަމުގައި ދުއްވާ އެއްޗެހިން ޑިއުޓީ މަޢާފުކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށްވެސް ހުށަހަޅާފައިވެއެވެ.
އަދި، މުދާ އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ޚިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ބަދަލުގައި، ރެވެނިޔު ފީ އެއް ތަޢާރަފުކޮށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އަގުގެ، ކޮންމެ 100ރ. އަކުން 1ރ. ގެ މަގުން ރެވެނިޔު ފީއެއް ނެގުމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެ ކުރިން، ޑިއުޓީ ނަގަމުން އައީ، މުދަލުގެ ސީ.އައި.އެފް (ކޯސްޓް، އިންޝޫރަންސް އަދި ފްރެއިޓް) އަގުންނެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާނީ، މުދަލުގެ އެފް.އޯ.ބީ (ފްރީ އޮން ބޯޑް) އަގުން ޑިއުޓީ ނެގުމަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިގޮތަށް ބަދަލުކުރުމުގެ މަޤްޞަދަކީ، ޑިއުޓީ ނެގުމުގައި ހަމައެކަނި މުދަލުގެ އަގަށް ރިޢާޔަތްކުރުން ކަމަށެވެ
އިކޮނޮމިކް މިނިސްޓްރީން ބުނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާހު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، އެ މިނިސްޓްރީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކަމަށެވެ.
އަދި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ހުށަހަޅަންޖެހޭ އިޞްލާޙުތަކުގެ މަސައްކަތްތައްވެސް އެ މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމުގައި ބުނެފައި ވެއެވެ.