ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހުޅުމީދޫގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަމުން އަންނަ ބަހާއުއްދީން މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މި މަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުދޫ ބޮޑުމަގުގެ ދެކުނު ކޮޅުން ފަށައިގެން މީދޫ ބޮޑުމަގުގެ އުތުރުކޮޅާއި ހަމައަށް ތާރުއަޅާ ނިމިފައިވާއިރު އެމްޓީސީސީ އިން ބުނީ ދެން ކުރިއަށްދަނީ ސައިޑްވޯކްގެ މަސައްކަތާއި، ސްޕީޑް ބްރޭކް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން މި ޕޮރޮޖެކްޓް ނިންމުމަށްޓަކައި ކުރަންޖެހޭ ކުދިކުދި އެހެނިހެން މަސައްކަތްތައް ކަމަށެވެ. މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މި މަގުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ނިޔަލަށް ނިންމާލެވޭނެކަމަށެވެ.
އެޖެންޑާ19 ކެމްޕޭން ޖަލްސާ ނިންމާލުމަށް ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނައިބްރައީސް އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން މި މަގުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ 04 އެޕްރީލް 2019 ގައެވެ. މި މަގުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވަމުން ނައިބް ރައީސް ވަނީ ބާރު ސްޕީޑްގައި ވެހިކަލްތައް ނުދުއްވުމަށް އިލްތިމާޒްކުރައްވާފައެވެ.
“މަގު ރަނގަޅުފެންވަރެއްގައި ހެދިގެންދިޔަ ނަމަވެސް އައްޑޫސިޓީ ހުރިހާ ރައްޔިތުން ހިމަނައިގެން، ހާއްސަކޮށް އަލަށް ހުޅުމީދޫގައި ތާރު މަގު ހެދިގެންދާއިރު ހުޅުމީދޫ ހުރިހާ ރައްޔިތުން ކިބައިން އަޅުގަނޑު އެދެނީ ޓްރެފިކް ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް. އަދި ބާރުސްޕީޑްގައި ވެހިކަލް ތައް ނުދުވުމަށް، ކޮން މައެއްގެ ހިތައްތޯ ކެތްވާނީ ގޭގައި ހުއްޓާ ފޯންކޯލަކުން ހިތާމަވެރި ހަބަރު ލިބުމުން، އެހެންވީމާ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ހުރިހާ ރައްޔިތުންވެސް ދުއްވާ މީހުންނަށާއި ހިނގާފައި ދާމީހުންނަށް އިހްތިރާމް ކުރުމަށް” ނައިބްރައީސް ވިދާޅުވިއެވެ.
ހުޅުމީދޫ ބޮޑު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 42.5 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.މި މަޝްރޫއުގެ ދަށުން ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.02 ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަގުގައި ތާރުއެޅުމަށް ނިންމާފައިވާއިރު މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށް އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ މި މަގުގައި ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.