English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫ ބަހާހުއްދީން މަގު ރަގަޅު ފެންވަރަކަށް ހަދައި ތާރުއެޅުމަށްޓަކައި، ފުރަތަމަ އަޅަންޖެހޭ ހިލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހުޅުމީދޫ މަގުގައި ތާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު ހުޅުދޫ މަގުތަކުގައި ތާރު އަޅުމުގެ ކުރިން ބަހައްޓަން ޖެހޭ ކާނުތައް ބެހެއްޓުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ.އަދި މީދޫގައި ކާނުތައް ބެހެއްޓުމުގެ މަސައްކަތްކުރިއަށް ދާއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހުޅުދޫގައި ވަނީ ކޮންކްރިޓް ލޭޔަރ އަޅަން ފަށާފައެވެ.މީގެ އިތުރުން މި މަސައްކަތް ހަވާލުކުރި ފަރާތުންވަނީ ހުޅުމީދޫގައި ކުރިން އަޅާފައިވާ ހަނި ޕޭމެންޓްތައްވެސް ފުޅާކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އައްޑޫގެ ރަށްރަށުގެ މަގުތައް ހެދުން އިފުތިތާހު ކުރި އިރު އައްޑޫ ސިޓީ ހުޅުމީދޫގައިވެސް ތާރު އަޅާ ރަނގަޅު ފެންވަރަކަށް މަގު ހެދުމަށް ވަނީ ނިންމާފައެވެ. އެ މަސައްކަތް ނުފެށި އޮއްވާ ވަހީދުގެ ވެރިކަން ނިމި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަރުތަކުގައިވެސް ހުޅުމީދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.މި ގޮތުން އެމްއާރްޑީސީ އާއި ހަވާލުކޮށް މަގުތަކުގައި ޕޭމެންޓް ހަދާ ފެން ހިންދާ ނިޒާމްތައް ގާއިމުކޮށް، ތާރު އެޅުމަށް ބޭނުންވާ ބައެއް ސާމާން ވެސް އޭރު ވަނީ ގެނެސްފައެވެ،

ހުޅުމީދޫ ބޮޑު މަގު ހެދުމުގެ މަސައްކަތް މި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 3271938570 ރުފިޔާ އަށެވެ.މި މަޝްރޫއުގެ ދަށުން ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.02 ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަގުގައި ތާރުއެޅުމަށް ނިންމާފައިވާއިރު މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށް އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ މި މަގުގައި ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށްވަނީ ްއެއްބަސްވެފައެވެ. މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައިވީ ނަމަވެސް މި މަސައްކަތް ނިންމަން ހަވާލުކުރި ތާރީހަށް ނިމިފައެއް ނުވެއެވެ.