ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގުމަކީ ކަންބޮޑުވުމެއް ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު މެންބަރު ނާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.
Minority ge adu nethi @mvpeoplesmajlis hingavan Majlis Raees @MohamedNasheed ulhuvvumakee varah bodu kanboduvumeh.
"Even if I you in a minority of one, the truth is still the truth." — Mahatma Gandhi
— Col(rtd)Mohamed Nazim MP (@nazim7878) June 9, 2020
މިމަހުގެ ދެވަނަ ދުވަހުގެ މެންދަމު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު އިސްވެ ހުންނަވައިގެން މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާ އާއި ހިލާފުވެފައިވާކަމަށް ބުނެ ޕީޕީއެމް އަދި ޕީއެންސީއިން ވަނީއިއްޔެ އާއި މިއަދުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައެވެ. މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އިދިކޮޅު މެންބަރުން ޖަލްސާއަށް ވަޑައިނުގަތް ނަމަވެސް އެކަން މަޖިލީހުން ފާހަގަ ނުވާކަމަށާއި އެކަން ފާހަގަނުވަނީ އެ މެންބަރުން ވެސް މީގެ ކުރިން މަޖިލީހަށް ވަޑައިނުގަންނަވާތީ ކަމަށެވެ.
މިއަދުގެ ޖަލްސާ ޖުމްހޫރީ ޕާޓީއިންވެސް ބޮއިކޮޓްކޮށްފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މަޖިލީހުގެ ރައީސް ވަނީ ވާހަކަ ދައްކަވާފައެވެ. މި ވާހަކަތަކާއި ގުޅިގެން ޖޭޕީއިން ބުނެފައިވަނީ މިއަދުގެ ޖަލްސާ އެ ޕާޓީން ބޮއިކޮޓްކޮށްފައިވާކަމަށް ވިދާޅުވެ ނަޝީދު ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.