މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި، ފުލުހުންނާއި ރާއްޖޭގެ ގޭންގުތަކާއި އަދި އަޑީ ދައުލަތާ ދެމެދު ބޮޑު ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރައްވައި، އެކަންކަން ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް، ހުށަހަޅުއްވައިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ ވައްކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފުލުހުން އަދިވެސް ވަޒީފާގައި އެބަތިބި ކަމަށާއި މިހާރުން މިހާރަށް އެމީހުން ސަސްޕެންޑު ކުރަންޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ފުލުހުންގެ ތެރޭގައި ރަނގަޅަށް ތަހުގީގެއް ކުރަން ވަރަށް އުނދަގޫވާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ފުލުހުންނާ ގުޅުން އޮންނަ ކަމަށާއި ހަމައެއާއެކު ރަޔަޓް ފުލުހުންނާ، ރާއްޖޭގެ ގޭންގުތަކާ ވެސް ގުޅުން އޮންނަ ކަމަށެވެ. އިތުރަށް ނަޝީދު ވަނީ ފުލުހުންގެ ތެރޭގައި އަޑީ ދައުލަތެއް އޮތް ކަން ފާހަގަކުރައްވާ އޭގެ ތެރެއިން ތަހުގީގުތައް އެ މީހުން އަނބުރާލާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައި ވަނީ އެފަދަ ކަންކަން ރަނގަޅު ކުރުމަށް ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ބިލަށް މެމްބަރުން ބަހުސް ކުރައްވައި، ފުލުހުންގެ ވެރިން ކަނޑައަޅާ ގޮތާއި، ޕްރޮމޯޝަންތައް ލިބޭ ގޮތާއި، އެތެރޭގެ އިންތިޒާމުތައް ހުރި ގޮތް ބަލައި އެކަންކަމަށް ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.