މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިއަކީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ކަމަށް ސްވިޒަލޭންޑްގައި ހުންނަ އިންޓަނޭޝަނަލް ސެންޓާ ފޯ ސްޕޯޓްސް (ސީއައިއީއެސް)ގެ ފުޓްބޯޅަ އޮބްޒާވެޓަރީން ހާމަކޮށްފިއެވެ.
މިއީ ސީއައިއީއެސް އިން ކޮންމެ އަހަރަކު ނެރެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު 100 ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އެމްބާޕޭ ހިމެނުނު ދެވަނަ ފަހަރެވެ.
އެގޮތުން، މިދިޔަ އަހަރުގެ ކުރީކޮޅު އެ އިދާރާ އިން ނެރުނު ލިސްޓުގެ އެންމެ ކުރީގައި 218.5 މިލިއަން ޔޫރޯގެ އަގަކާ އެކު އެމްބާޕޭ ހިމެނިފައިވާއިރު، ކޮވިޑް-19ގެ ހިޔަނިއެޅުމުން ހުއްޓާލާފައިވާ ލީގުތަކުގެ ސަބަބުން މި ފަހަރުގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ އަގަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީނަމަވެސް އެމްބާޕޭގެ އަގު އުޅެނީ 259.2 މިލިއަން ޔޫރޯގައެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭގެ ފަހަތުން ލިސްޓުގެ ގަދަ 5 ގައި ދެން ހިމެނެނީ މުޅިންވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ކުޅުންތެރިންނެވެ. މެންޗެސްޓާ ސިޓީގެ އިތުބާރު ވިންގާ ރަހީމް ސްޓާލިން، 194.7 މިލިއަން ޔޫރޯގެ އަގަކާއެކު ދެވަނައިގައި އޮތްއިރު، މިވަގުތު އެންމެ ޑިމާންޑް ބޮޑު އިނގިރޭސި ކުޅުންތެރިޔާ ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑްގެ ޒުވާން ވިންގާ ޖޭޑަން ސަންޗޯ އުޅެނީ 179.1 މިލިއަން ޔޫރޯގެ އަގަކާއެކު ތިންވަނައިގައެވެ.
މި ލިސްޓުގެ ހަތަރުވަނައިގައި ހިމެނިފައިވާ ލިވަޕޫލްގެ އަރަމުން އަންނަ ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑްގެ އަގެއްގެ ގޮތުގައި 171.1 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، ގަދަ ފަހެއްގައި ދެން ހިމެނޭ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑްގެ އަގަކީ 152.3 މިލިއަން ޔޫރޯ އެވެ.
މި ފަހަރުގެ ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންނަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާ އަދި ސްޕެއިނުގެ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ލައްވާލީ 21 ވަނައިގައެވެ. މިދިޔަ އަހަރު ނެރުނު ލިސްޓުގެ ހަތްވަނައިގައިި ހިމެނުނު މެސީގެ މިހާރުގެ އަގަކީ 100.1 މިލިއަން ޔޫރޯ އެވެ. ބާސެލޯނާ އާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތުމަކީ މެސީގެ އަގު ދަށަށް ދިއުމުގެ މައިގަނޑު އެއް ސަބަބެވެ. މެސީއާ އެންމެ ވާދަވެރި ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 62.8 މިލިއަން ޔޫރޯގެ އަގަކާއެކު ހިމެނުނީ 70 ވަނައިގައެވެ.
މި ފަހަރުގެ ލިސްޓުގެ ގަދަ 20 ގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެރިއަކީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެނެޑާގެ އުމުރުން 19 އަހަރުގެ އަލްފޮންސޯ ޑޭވީސް އެވެ. 133.5 މިލިއަން ޔޫރޯގެ އަގަކާއެކު ޑޭވީސް ހިމެނުނީ މި ލިސްޓުގެ 9 ވަނައިގައެވެ. މިވަގުތު ބުންޑެސްލީގާގައި ކުޅެމުންދާ އެންމެ އުއްމީދީ ފޯވާޑުންގެ ތެރޭގައި ހިމެނޭ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑްގެ އަގެއްގެ ގޮތުގައި 107.3 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، ހިމެނުނީ ލިސްޓުގެ 15 ވަނައިގައެވެ.
މިދިޔަ އަހަރުގެ ލިސްޓާއި އަޅާބަލާއިރު، ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ވަނީ ވަރަށް ބޮޑުތަން ދަށަށް ވެއްޓިފައެވެ. 2019 ވަނަ އަހަރުގެ ކުރީކޮޅު ނެރުނު ލިސްޓުގެ ތިންވަނައިގައި 197.1 މިލިއަން ޔޫރޯގެ އަގަކާއެކު ހިމެނުނު ނޭމާ، މި ފަހަރު ލައްވާލީ ލިސްޓުގެ 37 ވަނައިގައެވެ. ނޭމާގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 82.7 މިލިއަން ޔޫރޯ އެވެ.
މީގެއިތުރުން، މި ފަހަރުގެ ލިސްޓުގެ ގަދަ 100 ގައި ހިމެނުނު އެހެން ކުޅުންތެރިންނަށް ބަލާއިރު، ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް (23) އާއި އިންޓަ މިލާނުގެ އިތުބާރު ފޯވާޑް ލޮޓާރޯ މާޓިނޭޒް (22) އަދި ބަޔާންގެ ޖޯޝުއާ ކިމިޗް (26)ގެ އިތުރުން ބަޔާ ލެވަކޫސަންގެ އުއްމީދީ މިޑްފީލްޑަރު ކާއީ ހާވާޓްޒް (27) ފާހަގަކޮށްލެވެއެވެ. އަދި މި ލިސްޓުގައި އެންމެ މަތިން ރޭންކްކުރެވުނު ގޯލްކީޕަރުންނަކީ ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ބްރެޒިލްގެ ދެ ކީޕަރުންކަމަށްވާ ސިޓީގެ އެޑަސަން މޮރައެސް (33) އާއި ލިވަޕޫލްގެ އެލިސަން ބެކާ (34) އެވެ. އެތުލެޓިކޯ މެޑްރިޑްގެ އިތުބާރު ކީޕަރު ޔާން އޯބްލަކް ހިމެނުނީ މި ލިސްޓުގެ 86 ވަނައިގައެވެ.
ސީއައިއީއެސް އަކީ ފުޓްބޯޅައިގެ އެކި އެކި ތަފާސް ހިސާބުތަކުގެ މައްޗަށް ދިރާސާކުރުމުގައި އެންމެ ފުންނާބުއުސް ރިސާޗް ގްރޫޕެވެ. މި ރިސާޗް ގްރޫޕުގެ ފަރާތުން ފުޓްބޯޅަ ކުޅުންތެރިންގެ އަގު ކަނޑައެޅުމުގައި ބޭނުންކުރަމުން އަންނަ އަލްގޮރިތަމް ބިނާވެގެންވަނީ އެ ކުޅުންތެރިޔާގެ އުމުރާއި، ދަނޑުމަތީގައި ދައްކާ ކުޅުމާއި، ޓްރާންސްފާ ފީ އާއި ކުޅުންތެރިޔާގެ އެއްބަސްވުމުގެ މުއްދަތާއި މާކެޓްގައި އަގަށް އަންނަ ބަދަލާއި ހުނަރުގެ އިތުރުން ވެސް ގިނަ ކަންތައްތަކަށް ބަލައިގެން އަގުކުރާ ގޮތަށެވެ.
މަސްދަރު: ސީއައިއީއެސް