English Edition
Dhivehi Edition
އެޗްއެސްބީސީ ހުންނަ އެމްޓީސީސީ ޓަވަރު - ފޮޓޯ: ވީނިއުސް

ހޮންގ ކޮންގ އެންޑް ޝެންހާއި ބޭންކިންގ ކޯޕަރޭޝަން (އެޗްއެސްބީސީ) ބޭންކްގެ ޑޯމަންޓް އެކައުންޓްތަކުގައި ހުރި ފައިސާތަކާއި ހަވާލުނުވާނަމަ، އެ ފައިސާތައް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފޮނުވާނެ ކަމަށް އެޗްއެސްބީސީން ބުނެފި އެވެ.

އެޗްއެސްބީސީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ނުކުރާތާ، ނުވަތަ ބޭންކަށް ލިޔުމަކުން އެއްވެސް އެއްޗެއް އަންގައިފައިނުވާތާ،
ފަސް އަހަރުދުވަސް ވެފައިވާ އެކައުންޓަކީ “ޑޯމަންޓް އެކައުންޓް” އެއްގެ ގޮތުގައި ބެލެވޭނެ އެކައުންޓެއް ކަމަށެވެ.

އަދި އެޗްއެސްބީސީ މާލޭ ބްރާންޗުގައި ޑޯމަންޓް އެކައުންޓެއް އޮތް ކަސްޓަމަރެއް ކަމުގައި ވާނަމަ، އެ ފަރާތަކުން، ބޭންކާއި އެކަން ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.

އެޗްއެސްބީސީން ބުނީ ޑޯމަންޓް އެކައުންޓްގެ ތަފުސީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވާފައި ވާނެ ކަމަށެވެ. އެ ބޭންކުން ވަނީ ޑޯމަންޓް އެކައުންޓްގެ ވެރިފަރާތްތަކުގެ ނަންތައްވެސް އާންމުކޮށްފަ އެވެ. އެގޮތުން ޖުމްލަ ޑޯމަންޓް އެކައުންޓް ހުރި 19 ފަރާތެއްގެ މަޢުލޫމާތު ވަނީ އާންމުކޮށްފައެވެ.

މީގެ އިތުރުން އިއްޔެއިން ފެށިގެން 60 ދުވަހުގެ ތެރޭގައި، އެކައުންޓުގައި ހުރި ފައިސާއާ ހަވާލުނުވާނަމަ، އެ ފައިސާއެއް، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެމްއެމްއޭ އަށް ފޮނުވާނެ ކަމަށްވެސް އެ ނޯޓިސްގައި ބުނެފައި ވެއެވެ.

ޑޯމަންޓް އެކައުންޓްތަކުގައި ހުރި ފައިސާތަކާއި ހަވާލުވުމަށް ބޭންކަށް ގުޅާނީ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، 09:00 އިން 14:00 އަށެވެ.