English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވަރިޔާ ރާއީ ބައްޗަން އަކީ 1994 ވަނަ އަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމުވެސް ހާސިލްކޮށްފައިވާ ތަރިއެކެވެ. އައިޝްވަރިޔާގެ ރީތިކަމަކީ އޭނައަށް ތާއީދުކުރާ އެތައް ފޭނުން އެ ރީތިކަމުގެ ވާހަކަދައްކައި ހުސްނުވާ ވާހަކަތަކެވެ. އޭނާގެ ހަށިގަނޑުގެ ބައްޓާމާއި ރީތި ލޮލާއި ހަންގަނޑުގެ ރީތި ކަމުގެ ސިއްރު ހޯދަން ކޮންމެ އިންޓަވިއުއެއްގައި މީހުން ސުވާލު އަމާޒު ކުރާތަންވެސް ފެނެއެވެ. އޭނާ ބުނާގޮތުން ހަންގަނޑުގެ ފަރުވާ އަށް މުޅިންވެސް ބޭނުން ކުރަނީ ގުދުރަތީ ތަކެތިން ތައްޔާރު ކުރާ ރެމެޑީތަކެވެ. އައިޝްވަރިޔާ އަކީ އޭނަގެ ފޭނުންނާ އަބަދުވެސް ގުޅޭ ތަރިއެއް ކަމުން އޭނަގެ ރީތި ކަމުގެ ސިއްރުތައް އެމީހުންނަށް ކިޔައިދެއެވެ. މިހާރު އުމުރުން 46 އަހަރުގެ އައިޝްވަރިޔާ ކައިވެންޏެއްކޮށް ދަރިއަކު ލިބިފައިވާއިރުވެސް ހަށިގަނޑަށް އަދި ރީތިކަމަށް ބަދަލެއް ނާދެއެވެ.

ތިރީގައިމިވަނީ އިންޓަވިއު އެއްގައި އައިޝް ކިޔައިދީފައިވާ އޭނަގެ ބައެއް ބިއުޓީ ރެމެޑީތަކެވެ.

ނެޗުރަލް ކޫލެންޓް:

ކިއުކަމްބާއަކީ އޭގައި ގުދުރަތީ ފިނިކަމާއި ވިޓަމިންސް، މިނެރަލްސްގެ އިތުރުން އެންޓިއޮކްސިޑެންޓް ހިމެނޭ ތަރުކާރީއެކެވެ. އައިޝްވަރިޔާ ރާއީ ބުނާގޮތުން އޭނާ ކިއުކަމްބާގެ ޖޫސް ނެގުމަށްފަހު ކޮންމެދުވަހަކު ހަންގަނޑުގައި އުނގުޅުމަށްފަހު 15 މިނެޓްވަންދެން މަޑުކުރުމަށް ފަހު ދޮވެލައެވެ.

ލޯ ރީތިކުރުމަށް:

ލޯކައިރި ތާޒާކުރުމަށް، ދުޅަފިލުވުމަށް، އަދި އޮމާންކުރުމަށް ކިއުކަމްބާ ދެފޮތި ލޮލުގައި އެޅުމަށްފަހު 10 މިނެޓް ވަންދެން މަޑުކުރުމަށްފަހު ނަގާލާށެވެ. ލޯރީތިވެ ތާޒާކޮށް ދައްކާނެއެވެ.

އިސްތަށިގަނޑު ރީތިކުރުމަށް އަދި ދިގުކުރުމަށް:

އިސްތަށިގަނޑު ރީތިކުރުމަށާއި ދިގުކުރުމަށް އުފައްދާފައިވާ ޕްރޮޑްކްޓްތަކުގައި މޭވާއާއި ތަރުކާރީ ހިމަނާފައިވުމަކީ އެންމެންނަށްވެސް ފެންނަ ހެއްކެކެވެ. އެގޮތުން ފެންނަ ތަރުކާރީތަކުގެ ތެރޭގައި ކިއުކަމްބާ، ކެރެޓް، ލެޓިއުސް އަދި ސްޕިނެޗް ހިމެނެއެވެ. މިތަކެތިން ޖޫސް ތައްޔާރު ކޮށްގެން ބުއިމުން އޭގެއިން ލިބޭ ހަގީގީ ފައިދާ ލިބޭނެއެވެ. މިތަކެތިން އިސްތަށިގަނޑު ރީތިވެ ދިގުވުމަށް އެހީވަނީ އޭގައި ހިމެނޭ ވިޓަމިން “އޭ” އަދި “ސީ” ގެ އިތުރުން ސިލިކާގެ ސަބަބުންނެވެ.

އައިޝްވަރިޔާ ރާއީ އެދެނީ ހުރިހާ އެންމެންވެސް ކެމިކަލް ހިމެނޭ ޕްރޮޑަކްޓްތައް ދޫކޮށްލައި އޭނާގެ މިގުދުރަތީ ރެމެޑީތައް ބޭނުންކުރަން ފެށުމެވެ. މިތަކެތި ބޭނުން ކުރުމުގެ އިތުރުން ފައިދާހުރި ކާނާ ކެއުމާއި، ގިނައިން ފެންބުއިމުގެ އިތުރުން ހަފްތާއަކު މަދުވެގެން ތިން ދުވަހު ކަސްރަތު ކުރުން މުހިންމު ކަމަށްވެސް އޭނާ ބުނެއެވެ.