English Edition
Dhivehi Edition
ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ. --ފޮޓޯ: އޭއެފްޕީ

ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިއަކަށް ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ، ފޯބްސް އިން ދާދިފަހުން ހާމަކުރިގޮތުގައި އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަކީ ކައިލީ ޖެނާ އާއި ކެންޔާ ވެސްޓް އަދި ރޮޖާ ފެޑެރާ އަށް ފަހު މިވޭތުވެދިޔަ އަހަރު ހަތަރުވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަރާތެވެ.

މިއާއެކު ރޮނާލްޑޯ އަކީ އެމެރިކާގެ މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް އާއި ކުރީގެ ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ އަށް ފަހު ކުޅިވަރު ކުޅެމުން ބިލިއަނަރުންގެ ލިސްޓުގައި ހިމެނުނު ތިންވަނަ އެތުލީޓެވެ. އަދި މި ލިސްޓުން ޖާގަ ހޯދި ޓީމް ކުޅިވަރު ކުޅޭ ހަމައެކަނި އެތުލީޓު ވެސް މެއެވެ.

ފޯބްސް އިން މީގެ ހަފްތާއެއްހާ ދުވަސް ކުރީން ހާމަކުރިގޮތުގައި މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު 100 އެތުލީޓުންގެ ލިސްޓުގެ އެންމެކުރީގައި ހިމެނުނު ފެޑެރާގެ ފަހަތުން ދެވަނައިގައި 105 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތީ ރޮނާލްޑޯ އެވެ. ފެޑެރާ އަށް ލިސްޓުގެ އެއްވަނަ ލިބުނީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން ޖުމްލަ 106.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެންނެވެ.

އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތުލީޓުންގެ ތިންވަނަ އަށް ދިޔައީ ރޮނާލްޑޯއާ އެންމެ ވާދަވެރި އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މެސީ އަށް މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި 104 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، އޭގެ ކުރީ އަހަރާއަޅާ ބަލާއިރު އާމްދަނީގެ ގޮތުން ރޮނާލްޑޯ އަށް ވުރެ ދަށަށް ވެއްޓިފައިވާއިރު، އެވޯޑް ހަފްލާތަކުގައިވެސް މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފައެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗެއްގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި ލިއޮނަލް މެސީ (ވ). –ފޮޓޯ: އޭއެފްޕީ / ރޮއިޓާސް

އެގޮތުން، 2008 އިން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލަންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފައިވަނީ މި ދެ ކުޅުންތެރިންނެވެ. މި މުއްދަތުގެ ތެރޭގައި ހަތް ފަހަރު މަތީން ސްޕެނިޝް ލީގު ބާސެލޯނާ އާއެކު މެސީ ކާމިޔާބުކުރިއިރު، ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފައެވެ.

އެހެންނަމަވެސް، މެސީ އަށް ވުރެ ކުރީން ބިލިއަނަރުންގެ ލިސްޓުން ރޮނާލްޑޯ ޖާގަ ހޯދާފައިވަނީ އެތައް ސަބަބަކާ ހުރެއެވެ. މެސީ އާ އަޅާ ބަލާއިރު ރޮނާލްޑޯ އަށް ލިބޭ މުސާރަ ކުޑަނަމަވެސް، ފުޓްބޯޅައިގެ އިތުރުން ރޮނާލްޑޯ ވަނީ އާމްދަނީ ލިބޭނެ އެހެން ވަސީލަތްތައް ގާއިމްކޮށްފައެވެ. އެގޮތުން، ފެޝަންގެ ދާއިރާ އިން ސީއާރްސެވަން ލައިފް ސްޓައިލް ބްރޭންޑެއް ތައާރަފްކޮށް، ހޮޓެލް ޗެއިން އަކާއި އޭނާގެ އުފަން ސިޓީ މަޑެއިރާގައި ބިނާކޮށްފައިވާ މިއުޒިއަމްގެ ޛަރިއްޔާއިން ވެސް ރޮނާލްޑޯ އަށް އާމްދަނީ ލިބެމުންދެއެވެ.

މީގެއިތުރުން، ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ ޔޫރަޕްގެ ލީގުތަކުގެ ކުޅުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށުމާއެކު އަނެއްކާ ވެސް މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ދަނޑުމަތީގައި ފެނިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ. މިވަގުތަށް ބަލާއިރު، މެސީ ކުޅެމުން އަންނަ ބާސެލޯނާ، ލަލީގާގެ އެންމެ ކުރީގައި އުޅޭއިރު، ރޮނާލްޑޯގެ ކްލަބު ޔުވެންޓަސް އޮތީ އިޓާލިއަން ސެރިއޭގެ ތާވަލްގެ އެންމެ ކުރީގައެވެ.