މަހުގެ ދިރިއުޅުން ކޮންޓްރޯ ކުރަނީ އޭގެ ލޮލުގައި ދިރިއުޅޭ ޖަރާސީމުތަކަކުން ކަމަށް ބެލެވެން ފަށައިފިއެވެ. އެލިޒަބަތު ޕްރެސްޓަން ބުނާ ގޮތުގައި މި ޖަރާސީމު ދިރިއުޅެނީ މަހުގެ ލޮލުގެ ގޮބޮޅިތެރޭގައެވެ. ޖަރާސީމު ކުޑައިރު ކޮންމެ ގޮތަކުން ނަމަވެސް މަސް ސަލާމަތް ކުރެވޭތޯ އުޅެއެވެ. މިއެއްޗެހި ބޮޑުވުމުން ދެން ބަލަނީ އަވަހަށް މަސް ދޫންޏަކަށް ކާން ދެވޭތޯއެވެ. އެއީ އޭގެ ދަރިފަސްކޮޅު އާލާވާނެ ގޮތް މެދުވެރި ކުރުވުމަށެވެ. މި ޖަރާސީމު Diplostomum pseudospathaceum ގަރުބަގަންނަނީ ދޫނީގެ ގޮހޮރުގެ ތެރޭގައެވެ. އެއަށްފަހު ދޫނީގެ ނަޖިހާއެކު އޭގެ ބިސްތައް ބޭރުވެއެވެ. މި ބިސް ފެޅިގެން ގޮސް ކުދިފަނިތައް ތާޒާ ފެނުގައި ދިރިއުޅޭ ފިނިހަކި ތެރެއަށް ވަންނަނީއެވެ. މި ޖަރާސީމު އުފަންވެ ގިނަ ވަމުން ދަނީ އެފިނިހަކައިގެ ތެރޭ ތިބެގެންނެވެ. އެއަށްފަހު އެއިން ނުކުމެ މަސްތަކުގެ ހަމުގެ ތެރޭން ވަދެ އޭގެ ލޮލަށް ވަދެ ފިލަނީއެވެ. މި ޖަރާސީމު ބޮޑުވުމާއެކު ދޫނިލައްވާ މަސް ކެވޭނެގޮތެއް މެދުވެރިކުރަން މަސައްކަތް ފަށައެވެ. މިގޮތުން އޭގެ ދަރިފަސްކޮޅު އާލާ ވަމުން ދެއެވެ. މިގޮތަށް ވަރަށް ގިނަ ޖަރާސީމުތައް ޖަނަވާރުތައް ލައްވައި އޭގެ އަމިއްލަ މަގްސަދު ހާސިލު ކުރުވުމަށް މަސައްކަތް ކުރެއެވެ. މިސާލަކަށް ޖަރާސީމު މީދަލަށް ވަނުމުން ބުޅާދެކެ ބިރުގަތުން ހުއްޓިދެއެވެ. އަދި ބުޅަލުގެ ތެރޭގައި އެޖަރާސީމު Toxoplasma gondiiއުފަންވާނެ މަގު ފަހިކުރުވައެވެ. 20015 ވަނަ އަހަރު މޮސްކޯގެ އިންސްޓިޓިއުޓް އޮފް އިކޮލޮޖީގެ ސައެންޓިސްޓް މައިކަލް ގޮޕްކޯ ބެލި ބެލުމުން މަހަށް ވަންނަ ފްލޫކް ވައިރަސް ފަނި ވަދެ ބައެއް ފަހަރު އެމަސް ހިފުނަ ނުދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. އޭނާ ބެލި ބެލުމުން އެނގުނު ގޮތުގައި މިފަނި ވަދެފައި ހުންނަ މަސް ދާއަޅައިގެން ހިފުން ވެސް އެނޫން މަސްމަހަށް ވުރެން މާ އުނދަގުލެވެ. އެޓީމުން މިހާރު ބަލަމުން ދަނީ ރޭންބޯ ޓްރައުޓްއޭ ކިޔާ މަހެއްގެ ލޮލަށް މި ޖަރާސީމު ވެއްދުމުން ވާގޮތެއް ހޯދުމަށެވެ. މިހާތަނަށް އެމީހުންނަށް ފެނުނު ގޮތުގައި މި ޖަރާސީމު ވައްދާފައި ހުންނަ މަސްތައް މޫދުގެ މާތިލަފަށަށް އައިސް މާ ހަރަކާތްތެރިކަމާއެކު ކޮޅުކޮޅު މައްޗަށް ދުވަމުން ދެއެވެ. މިއީ ވަރަށް ފަސޭހައިން މަސްތައް ދޫނީގެ ޝިކާރައަކަށް ވާނެ ކަމެކެވެ. އެމީހުން ޓެންކަކަށް ޖަރާސީމު ނެތް މަހާ ޖަރާސީމު ހުރިމަސްތައް ލުމަށްފަހު ދޫންޏެއް އައިސް ކާލަން އުޅޭކަހަލަ ހިޔަންޏެއް އަޅުވައެވެ. މިހެން ހެދުމުން ޖަރާސީމު ނެތް މަސްތައް ބިރުން ހަރަކާތް ހުއްޓިދެއެވެ. އެކަމަކު ޖަރާސީމު ވައްދާފައިވާ މަސްތައް ލަސްތަކެއް ނުވެ ބިރުކަނޑާލާފައި ދުއްވައިގަނެއެވެ. ގޮޕްކޯ ބުނާ ގޮތުގައި މަސް މިގޮތަށް ކޮންޓްރޯލް ކުރަނީ ޖަރާސީމުގެ އުމުރު މަތިވުމުންނެވެ. ޅަ ޖަރާސީމަކަށް މަސް ލައްވާ ކަމެއް ކުރުވާކަށް ނޭނގެއެވެ. ޖަރާސީމު ބޮޑުވެ ފުރާވަރަށް އެރުމުން އެ ބޭނުންވަނީ އަވަހަށް ދޫންޏެއްގެ ބަނޑުތެރެއަށް ވަނުމަށެވެ. ކުރިން ބެލި ބެލުމުން ފެނުނުގޮތުގައި މަސް އެގޮތަށް ކަންތައް ކުރަނީ ޖަރާސީމުވަދެ އޭގެ ލޯ ފުސްކޮށްލާފައި ވާތީއެވެ. އެކަމަކު ދޫނީގެ ހިޔަނި އެޅި ބިރުގެންފައިވާ މަސްތައް އަވަހަށް ދުއްވައިގަންނަ ސަބަބެއް ނޭނގުނެވެ. މި ހޯދުން ތަކުން ބެލީ ޖަރާސީމު ހުރި މަސްތައް ބިރުކަނޑާލާފައި ދުއްވައިގަންނަނީ ކިހާ އަވަހަކަށްތޯއެވެ. މިހޯދުމުން ފެނުނު ގޮތުގައި ޖަރާސީމުތައް ބޮޑެތި ވެފައިވާ މަސްތައް ދުއްވައިގަންނަލެއް އަވަސްކަން ވަނީ ޔަގީން ކުރެވިފައެވެ. މިކަންތައް އިތުރަށް ދިރާސާ ކުރުމަށް ޖަރުމަންގެ ޖަރާސީމާ ބެހޭ ސައެންޓިސްޓެއް ކަމަސްވާ ނީނާ ހާފަރު ވެސް ގިނަ ކަންތަކެއް ހޯދިއެވެ. އޭނާ ބުނާ ގޮތުގައި ޖަރާސީމު ވަދެފައިވާ މަސްތައް އެހެން މަސްތަކާ ތަފާތުކޮށް އެތައް ކަމެއް ކުރަމުން ދެއެވެ. “ޖަރާސީމަކީ ދިރުން ހުންނަ ތަކެތީގެ މައްޗަށް ކިހާ ނުފޫޒެއް ފޯރުވާ އެއްޗެއްކަން އަހަރެމެން ދެނެގަންނަން އެބަ ޖެހޭ.” އޭނާ ބުންޏެވެ.