English Edition
Dhivehi Edition
އެމެރިކާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް (ކ) އާއި ޒޫމްގެ އެރިކް ޔުއާން (މ) އަދި ޓެސްލާގެ އިލޮން މަސްކް (ވ). --ފޮޓޯ: ރޮއިޓާސް

މިހާރު މުޅި ދުނިޔެ އަށް ފެތެރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި އެމެރިކާގެ ބިލިއަނަރުންގެ މުއްސަނދިކަން އިތުރުވެފައިވާ ކަމަށް ވޮޝިންޓަންގެ ޕޮލިސީ އަދި ރިސާޗް ގްރޫޕެއްކަމަށްވާ އިންސްޓިޓިއުޓް ފޯރ ޕޮލިސީ ސްޓަޑީޒް (އައިޕީއެސް) އިން ހާމަކޮށްފިއެވެ.

އައިޕީއެސް އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައިވާގޮތުން މި އަހަރުގެ މާރިޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު އެމެރިކާގެ ބިލިއަނަރުންގެ މިލްކިއްޔާތަށް 565 ބިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ވެއެވެ.

އެގޮތުން، މިދިޔަ މާރިޗް މަހުގެ 18 އިން ފެށިގެން މިއަދާ ހަމައަށް ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމަށްވާ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތަށް މިހާރު 36.2 ބިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި މި ބަލިމަޑުކަމުގެ ކުރީކޮޅު މާލީގޮތުން ދިމާވި ދަތިތަކާ ގުޅިގެން ވިޔަފާރިތައް ދަށަށް ދިޔަ ނަމަވެސް ގިނަ ބިލިއަނަރުންގެ މުއްސަނދިކަމަށް މިހާރު %19 ގެ ކުރިއެރުމެއް ލިބިފައިވާއިރު، އެމެރިކާގެ ހުރިހާ ބިލިއަނަރުންގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 3.5 ޓްރިލިއަން ޑޮލަރު އެބަހުރިކަމަށްވެސް މި ރިޕޯޓްގައިވެއެވެ.

މި ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް އިގްތިޞާދީ ގޮތުންނާއި ސިއްހީ ގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެހެން ގައުމުތަކެކޭ އެއްފަދައިން އެމެރިކާ އިން އެކަނިވެސް 43 މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވެއެވެ. އަދި ކޮވިޑް-19ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުދި މުސާރަ ލިބޭ ފަރާތްތައް ކަމަށްވާ ދަތުރުފަތުރުގެ ނިޒާމާއި ސާވިސް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

އެހެންނަމަވެސް، އެމެރިކާގެ ގިނަ މީހުންނަށް މާލީގޮތުން ގެއްލުންތައް ލިބެމުންދިޔަ ނަމަވެސް ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި، ބިލިއަނަރުންނަށް މި ބަލިމަޑުކަމާ ގުޅިގެން އެއްވެސް އަސަރެއް ކޮށްފައިނުވުމަކީ އެ ފަރާތްތަކުގެ ދެމެދު އޮތް މުއްސަނދިކަމުގެ ފަރަގު ބޮޑުވެފައިވާ މިންވަރު އެނގިގެންދާ ކަމެކެވެ. އަދި ބަލިމަޑުކަމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި މި ފަރަގު އިތުރަށް ބޮޑުވެގެންދާނެކަމަށް ވެސް ކަމާބެހޭ މާހިރުން ބުނެއެވެ.