ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (UNODC) ގެ ފަރާތުން އިންތިޒާމްކޮށްގެން އަދި އީޔޫގެ ފަރާތުން ފަންޑުކޮށްގެން ‘އޮންލައިން ކޮންސަލްޓޭޓިވް މީޓިން އޮން ޓެއިލަރިންގ ދަ ޔޫއެން ސައުތު އޭޝިއާ ރީޖަނަލް ޓޫލް ކިޓް ފޮރ ޖަސްޓިސް އޮފް މޯލްޑިވްސް’ގެ ނަމުގައި އޮންލައިންކޮށް އޯޑިއޯ ވިޝުއަލް ބައްދަލުވުމެއް ބާއްވައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކުރާ ގޮތުގައި އެ ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ ޖޫން 03 ވަނަ ދުވަހު އެވެ.
ޑީޖޭއޭ އިން ބުނީ އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޔޫއެން ސައުތް އޭޝިއާ ރީޖަނަލް ޓޫލްކިޓް ދިވެހިރާއްޖެއަށް ފެތޭނެހެން އެކަށައެޅުމުގައި ޔޫއެންއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުން، އަދި ޤައުމީ ފެންވަރެއްގައި ޓެރަރިޒަމްއާއި ގުޅޭ މައްސަލަތަކުގައި ގޮތް ނިންމުމުގައި ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވަނީ ދިވެހިރާއްޖޭގެ ފަރާތުން އޯޕަނިންގ ރިމާކްސްއެއް ދެއްވައިފައެވެ. އަދި ބައްދަލުވުމުގެ ބައިވެރިންގެ ގޮތުގެ ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓު، ޖުވެނައިލް ކޯޓު އަދި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (NCTC) ގެ ބޭފުޅުން ހިމެނޭހެން 40 ބޭފުޅުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގެ ފެސިލިޓޭޓަރުކަން ކޮށްދެއްވީ ޔޫ.އެން.އޯ.ޑީ.ސީގެ ޓެރަރިޒަމް ޕްރިވެންޝަން ބްރާންޗްގެ އެރިއާނާ ލެޕޮރޭ އަދި ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑިރެކްޓަރޭޓް (ސީޓެޑް) ގެ އެޑްރިއާ ޑި ލާންޑްރީއެވެ.