ޑިއޮޑަރެންޓަކީ އިރުވައި މޫސުމުގައި ބޭނުންކޮށްލަން އެންމެ ރަނގަޅު, ހަންގަނޑަށް ފައިދާހުރި އެއް އުފެއްދުމެވެ. މީގެއިން ކިހިލިފަތްދަށުގައި ދުވާ ނުބައިވަހާއި ދަލުން ސަލާމަތްކޮށްދީ ހަންގަނޑު ތާޒާކޮށް ބަހައްޓައި ދެއެވެ. ޑިއޮޑަރެންޓް ޚިޔާރުކުރާއިރު އެމީހަކާ އެންމެ ގުޅޭ އަދި ރަނގަޅު ޕްރޮޑަކްޓެއް ބޭނުން ކުރުން މުހިންމެވެ.
ޑިއޮޑަރެންޓަކީ ހަށިގަނޑުގެ ތަފާތު ހިސާބުތަކުގައި ބޭނުންކުރެވިދާނެ އަދި އެހެން ކަންކަމުގައި ވެސް ބޭނުންކޮށްލެވޭނެ އެއްޗެއްކަން ތި އެންމެ ބޭފުޅުންނަށް އެނގިލައްވާތޯ؟ އެގޮތުން ޑިއޮޑަރެންޓް ބޭނުންކުރެވިދާނެ ބައެއް ގޮތުގެ އުކުޅުތައް ތިރީގައި އެވަނީއެވެ.
ހެދުން އަލަމާރި ތާޒާކުރުމަށް:
ހެދުން އަލާމާރީގައި ނުބައިވަސް ދުވާނަމަ ޑިއޮޑަރެންޓް ފުޅީގެ މަތި ނަގާފައި އަލަމާރީގެ އެއްކަނުގައި ބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމުން އަލަމާރީގައި ދުވާ ނުބައިވަސް ފިލައި އޭގެ މީރުވަސް އަލާމަރީގެތެރޭގައި ހިފާފައި ހުންނާނެއެވެ.
އުރަމަތީގެ ދަށްފުށް:
ހޫނު މޫސުމުގައި ވަރަށް ގިނަ އަންހެން ވެރިންނަށް ދިމާވާ އެއް އުނދަގުލަކީ އުރަމަތީގެ ދަށުން ދާހިއްލުމެވެ. މިކަމުން ސަލާމަތް ވުމަށް އުރަމަތީގެ ދަށުގައި ޑިއޮޑަރެންޓް ބޭނުންކޮށްލާށެވެ.
ކަކުލުގެ ދަށްފުށް:
އިށީނދެގެން އިންނަ އިރު ބައެއްފަހަރު ކަކުލާދިމާލަށް ފަހަތުން ދާހިއްލައެވެ. ހާއްސަކޮށް ހޫނު މޫސުމުގައި މިމައްސަލަ ބޮޑުވެއެވެ. އެހެން ކަމުން މި މައްސަލަ ހައްލުކުރުމަށް ކަކުލުގެ ދަށުގައި ޑިއޮޑަަރެންޓް އުނގުޅާށެވެ.
ފައިގެ ފަލަމަސްގަނޑުގެ އެތެރެފުށް:
ފައިގެ ފަލަމަސްގަނޑުގެ އެތެރެފުށުގެ ހަންގަނޑު ހިކުމާއި ފާރުވުމަކީވެސް ވަރަށް ގިނަ ފަހަރަށް ދިމާވާ މައްސަލައެކެވެ. މިގޮތަށް ދިމާވާނަމަ ޑިއޮޑަރެންޓް ބޭނުން ކުރުމުން، ހަންގަނޑު ކަނޑައިގެންދިޔުމާއި ހިކުމުން ދުރުކޮށްދޭނެއެވެ. އާންމުގޮތެއްގައި ފަލަމަސްގަނޑުގެ އެތެރެފުށަށް ދިމާވާ ހަމުގެ މައްސަލަތައް ދިމާވަނީ ދަލުގެ ސަބަބުންނާއި ހޫނުނުންނެވެ.
ރޭޒަރުން ކަނޑައިގެން ގޮސްފައި ހުންނަ ތަންތަން:
ޝޭވްކުރާއިރު ވަރަށްގިނަ ފަހަރަށް ހަންގަނޑު ކަނޑައިގެން ދެއެވެ. މިގޮތަށް ކަނޑައިގެން ދިޔުމުން ޑިއޮޑަރެންޓް ހާކާލުމުން ފާރުގަނޑު އަވަހަށް ފަސޭހަވެއެވެ.
ނެއިލްޕޮލިޝް ރިމޫވް:
ކުއްލިއަކަށް ނެއިލްޕޮލިޝް ރިމޫވްކުރަން ބޭނުންވާ ހާލަތެއްގައި ނެއިލްޕޮލިޝް ރިމޫވާ ފުޅިއެއް ނެތްނަމަ ޑިއޮޑަރެންޓް އުނގުޅާފައި ކަފަކޮޅަކުން ނެއިލްޕޮލިޝް ރިމޫވް ކުރެވިދާނެއެވެ. ބައެއްފަހަރު މީގެއިން ނެއިލް ޕޮލިޝް ރިމޫވްކުރަން އުނދަގޫ ވިނަމަވެސް އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރުމުން އެއްކޮށް ފިލާނެއެވެ.