English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ އެމެރިކާގެ ބާސްކެޓްބޯޅަ ލީގު (އެންބީއޭ) އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހު ފަށަން ޓީމުތަކުން އެއްބަސްވެއްޖެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޓީމުތަކުގެ ވެރިންނާއި، އެންބީއޭގެ އިސްފަރާތްތަކުގެ މެދުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު މެދުކަނޑާލި އެންބީއޭގެ ހުރިހާ މެޗުތަކެއް ވެސް ކުޅުމަށް ނިންމާފައިވަނީ ފްލޮރިޑާގެ ޑިޒްނީ ވޯލްޑް ރިޒޯޓުގައި ހުންނަ އީއެސްޕީއެން ވައިޑް ވޯލްޑް އޮފް ސްޕޯޓްސް ކޮމްޕްލެކްސް ގައެވެ.

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ލީގުގެ މެޗުތައް ކުރިއަށްގެންދިއުމަށްޓަކައި ވެސްޓަން އަދި އީސްޓަން ކޮންފަރެންސްގެ ތާވަލްގެ އެންމެ ކުރީގައި އުޅޭ ޓީމުތަކުގެ ރޭންކިން އަށް ބަލައިގެން ބާކީ އޮތް ބައި ފުރިހަމަކުރުމަށް ވަނީ ނިންމާފައެވެ. ހުރިހާ މެޗުތަކެއް ކުޅޭނީ ވެސް ސަޕޯޓަރުން ނުވައްދަ އެވެ.

އެގޮތުން، ވެސްޓަން ކޮންފަރެންސްގެ 13 ޓީމަކާއި، އީސްޓަން ކޮންފަރެންސްގެ ނުވަ ޓީމެއް ލީގުގެ ކުރިއަށް އޮތް ބުރުގައި ވާދަކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ޓީމެއް ވެސް 8 މެޗު ކުޅެ، ކޮންމެ ކޮންފަރެންސް އެއްގެ ތާވަލްގެ އެންމެ ކުރި ހޯދާ 8 ޓީމެއް ވަނީ ޕްލޭ-އޮފް ބުރުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައެވެ.

އެންބީއޭގެ މެޗުތައް މެދުކަނޑާލިއިރު، ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ 8 ޓީމަކީ، ލޮސް އެންޖެލަސް ލޭކާސް، ލޮސް އެންޖެލަސް ކްލިޕާސް، ޑެންވާ ނަގެޓްސް، ޔޫޓާ ޖޭޒް އޮކްލަހޯމާ ސިޓީ ތަންޑާ އަދި ހިއުސްޓަން ރޮކެޓްސް އާއި ޑަލަސް މެވްރިކްސްގެ އިތުރުން މެމްފިސް ގްރިޒްލީސް އެވެ.

އީސްޓަން ކޮންފަރެންސްގެ ތާވަލްގެ އެންމެ ކުރީގައި އުޅެނީ، މިލްވައުކީ ބަކްސް، ޓޮރޮންޓޯ ރެޕްޓާސް، ބޮސްޓަން ސެލްޓިކްސް، މިއާމީ ހީޓް، އިންޑިއާނާ ޕޭސާސް، ފިލަޑެލްފިއާ ސެވަންސިކްސް އާޒް، ބްރޫކްލިން ނެޓްސްގެ އިތުރުން އޯލާންޑޯ މެޖިކް އެވެ.

މި 16 ޓީމުގެ އިތުރުން، ބާކީ ހުރި މެޗުތަކުގައި ވާދަކުރުމަށް ހަމަޖެހިފައިވާ އަނެއް ހަ ޓީމަކީ، ވެސްޓަން ކޮންފަރެންސްގެ ނިއު އޯލިއަންސް ޕެލިކަންސް، ޕޯޓްލަންޑް ޓްރެއިލްބްލޭޒާސް، ފީނިކްސް ސަންސް، ސެކްރެމެންޓޯ ކިންގްސް އާއި ސެން އެންޓޯނިއޯ ސްޕާސް އަދި އީސްޓަން ކޮންފަރެންސްގެ ވޮޝިންޓަން ވިޒަޑްސް އެވެ.

އެންބީއޭގެ ބާކީ ހުރި މެޗުތައް ކުރިއަށްގެންދިއުމަށް ޓީމުތަކުގެ އިސްވެރިން އެއްބަސްވި ނަމަވެސް، އެކަމާ މެދު ގޮތެއް ނިންމާނީ މިއަދުގެ ވަގުތެއްގައި ނޭޝަނަލް ބާސްކެޓްބޯލް ޕްލޭޔާސް އެސޯސިއޭޝަން (އެންބީޕީއޭ) އިން ބާއްވާ ބައްދަލުވުމަށްފަހުގައެވެ.

މިހާރު ރޭވިފައިވާ ގޮތަށް ލީގުގެ ކުޅުން ކުރިއަށްގެންދެވިއްޖެނަމަ، ސީޒަން ނިންމާލުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހެވެ.