ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާ ބަލައި ފާސްކޮށް، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ފުރިހަމަ ހައްގެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ، އަދަދު ނޫހުގެ އިދާރާއަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން އިހުސާން ވިދާޅުވީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަކީ ފުލުހުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ. އެހެން ނަމަވެސް، އެއީ އެއްވެސް ހިފެހެއްޓުމެއް ނެތް މުތުލަގު ހައްގުތަކެއް ނޫން ކަމަށް އިހުސާނު ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާއިރު، 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭކަން ފާހަގަކުރައްވަމުން އިހުސާނު ވިދާޅުވީ މި ހައްގުތަކުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ. އަދި ހެއްކެއް ނެތި ދޮގު ތުހުމަތުތައް ފެތުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތެއްގެ ވެސް އަބުރާއި ރީތި ނަން ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ގައުމުގެ އެންމެ އިސްވެރިޔާއަށް ނިސްބަތްކޮށް “ޒިނޭ” ފަދަ ބޮޑެތި ދޮގު ތުހުމަތުތައް ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، މިއީ އެމަނިކުފާނުގެ ޒާތީ ކަރާމާތާއި، އާއިލާއާއި، އަދި ފުރުއްވަމުންގެންދަވާ މަގާމަށް ދެވޭ ސީދާ ހަމަލާއެއް ކަމަށެވެ. މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން މުޖުތަމައުގެ އިތުބާރު ގެއްލި، ބައިބައިވުން އުފެދި، އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ ގާނޫނުގެ ވެރިކަން ހިނގާ ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގައި ވެސް، “ގަޒްފު” ފަދަ ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި އެކަންކަން ތަހުގީގު ކުރުމުގެ ބާރު މުއައްސަސާތަކަށް އޮންނަންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ އަމަލުތަކަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އަބުރު ރައްކާތެރިކުރުމުގެ އަސާސީ ހައްގު ހިމާޔަތްކޮށް، މީޑިއާގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނު އަސާސީ ނެގެހެއްޓުމުގެ ގޮތުން ކުރާ މަސައްކަތެއްކަން އިހުސާން ފާހަގަކުރެއްވިއެވެ.