English Edition
Dhivehi Edition

އޭއޯ ނިއުސް އިން 1441 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ގުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސ. ފޭދޫ ސީސައިޑް ޔޫސުފް ޙުސެއިން ހޯދައިފިއެވެ. މުބާރާތުގައި ޔޫސުފް ބައިވެރިވެފައިވަނީ 12 އަހަރުން ދަށުގެ އުމުރުފުރައިންނެވެ.

ރާއްޖޭގެ އެކިކަން ކޮޅުތަކުން 750 އަށް ވުރެ ގިނަ ކުދިން ބައިވެރިވި މި މުބާރާތުގައި ދެވަނަ ހޯދާފައިވަނީ 16 އަހަރުން ދަށުގެ ގޮފިން ބައިވެރިވި، ގަލޮޅު ހަނިމާދޫއާގެ މުޙައްމަދު ސާއީ މުބާރަކް އެވެ.

އަދި 3 ވަނަ ހޯދީ 10 އަހަރުން ދަށުގެ އުމުރުފުރައިން މުބާރާތުގައި ބައިވެރިވި ހދ. ކުޅުދުއްފުށީ ރޯޅި، މުޙައްމަދު ރައުޝް ބިން ސިރާޖެވެ.

6 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ އާއި ސޯޝަލް މީޑިއާ ކެޓަގަރީން ކޮންމެ އުމުރުފުރައަކުން ގަދަ 5 ވަނީ ހޮވާފައެވެ. މި މުބާރާތުގައި ހިމެނެނީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ބަޔާއި 16 އަހަރުން ދަށުގެ ބަޔެވެ. މި އުމުރުފުރާތަކުން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ 6 އަހަރުން ދަށުގެ އުމުރުފުރައިންނެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވެވީ އަލްހާފިޒް ޙުސެއިން އަލީ އާއި އަލްހާފިޒް ޙުސެއިން ޒާހިރު ގެ އިތުރުން އަލްހާފިޒް އިބްރާހިމް ޝަރީފް އެވެ.

މިއީ ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުން ގައި ދަރިވަރުން ތިބި އިރު ދަރިވަރުންނަށް ގޭގައި ބެލެނިވެރިންގެ އެހީތެރިކަމާއެކު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނާއި ދީނީ ކަންކަން އާލާކޮށް ގުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގައި ދަރިވަރުން ބައިވެރިވެފައިވަނީ ގޭގައި ތިބެގެން ގުރުއާން ކިޔެވުމަށް ފަހު ވީޑިއޯ، އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖަށް މެސެންޖަރ އިން ފޮނުވައިގެންނެވެ.

މީގެ ކުރިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކާމިޔާބު މަދަޙަ މުބާރާތްތައް ބާއްވަމުން އައި ނަމަވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން އޭއޯ އިން ގުރުއާން މުބާރާތެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އޭއޯ އިން ނިންމާފައިވަނީ އަންނަ ރަމަޟާން މަހުގައި ވެސް މިފަދަ ގުރުއާން މުބާރާތެއް ބޭއްވުމަށެވެ.

އޭއޯ ގުރުއާން މުބާރާތް 1441 ގެ މެއިން ސްޕޮންސަރަކީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އެވެ.

ތިރީގައި މިވާ ލިންކުން މުބާރާތުގެ ނަތީޖާ އާއި ބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.