ޖެނީވާ (ޖޫން 1) – މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ނިސްބަތުން ގިނަ ގައުމުތަކުގައި، ގައިން ގަޔަށް ނާރާ ދާއިމީ ބަލިތަކަށް ފަރުވާދިނުމަށް ހުރަސްއެޅެމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ދާދިފަހުން ހެދި ސާވޭ އަކުން ދައްކާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އެގޮތުން، ދުނިޔޭގެ 155 ގައުމުގައި ތިން ހަފްތާގެ މުއްދަތަށް މިދިޔަ މެއި މަހު ޑަބްލިއުއެޗްއޯ އިން ކުރިއަށްގެންދިޔަ ސާވޭގެ ނަތީޖާތައް ދައްކާގޮތުން، ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހަކުރު ބައްޔާއި، ލޭމައްޗަށްދާ ބަލީގެ މީހުންގެ އިތުރުން ހިތުގެ ބަލިތަކާއި ކެންސަރު ބަައްޔަށް ފަރުވާ ހޯދާ މީހުންނަށް މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވެއެވެ. އަދި ގިނަ ގައުމުތަކުގައި މި ބަލިތަކުގެ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ކޮވިޑް-19 އަށް ހުށަހެޅި އެ ފަރާތްތަކަށް ނުރައްކާތެރި ހާލަތު ކުރިމަތިވަމުން އަންނަ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
“މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހިތުގެ ބަލިތަކާއި، ހަކުރު ބަލީގެ އިތުރުން ކެންސަރު ބަލި ފަދަ ދާއިމީކޮށް ފަރުވާދޭން ޖެހޭ ބަލިތަކުގެ މީހުންނަށް ގިނަ ގައުމުތަކުގައި އެކަށީގެންވާ ސިއްހީ ހިދުމަތާއި ބޭސް ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފައި.”ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ނެރުއްވި ބަޔާނުގައިވެއެވެ.
އަދި މި ފަދަ މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ފަގީރު ގައުމުތަކުގެ މީހުންނަށް ކަމަށާއި، ސާވޭ ކުރެވުނު ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް %53 އެއްހާ ގައުމުގައި ކެންސަރަށް ސްކްރީންކުރުން މެދުކެނޑިފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން، ސާވޭ ކުރެވުނު ކޮންމެ ފަސް ގައުމެއްގެ ތެރެއިން އެއް ގައުމުގައި ގައިން ގަޔަށް ނާރާ، ދާއިމީ ބަލިތަކަށް ފަރުވާ ދިނުމަށް އެންމެ ބޮޑަށް ހުރަސްތައް ކުރިމަތިވެފައިވަނީ އެކަށީގެންވާ ބޭސް ނުލިބުމާއި، ޓެކްނޮލޮޖީ ލިބެން ނެތުމުން ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައިވެއެވެ. އަދި މިފަދަ ގައުމުތަކުގައި ދާއިމީ ބަލިތަކަށް ފަރުވާދިނުމަށް ހުރަސްތައް ކުރިމަތިވާ މިންވަރު ބިނާވެގެންވަނީ އެ ގައުމެއްގައި ކޮވިޑް-19ގެ ހާލަތު އޮންނަ ގޮތުގެ މައްޗަށް ކަމަށެވެ. އެގޮތުން، އެ ގައުމެއްގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާނަމަ އެ ފަދަ ބަލިތަކަށް ފަރުވާދިނުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ތެރެއިން %72 ގައުމުގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް ކަނޑައެޅިފައިވާ ނިޒާމުގެތެރެއިން ގައިންގަޔަށް ނާރާ ބަލިތަކުގެ މީހުން ދެނެގަނެވި ފަރުވާދެމުން އަންނައިރު، މި ނިޒާމުގެ ތެރެއިން ފަރުވާދެމުން އަންނަ ފަގީރު ގައުމުތަކުގެ ނިސްބަތްއުޅެނީ %42 ގައެވެ. އަދި ޖުމްލަކޮށް، މި ސާވޭގެ ޛަރިއްޔާއިން ހޯދި ހޯދުންތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ ކަންތައްތައް ހުރި ނަމަވެސް، މިކަމުގައި އަލިމަގެއް ފެންނާނެކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ކޮވިޑް-19ގެ ސަބަބުން ދާއިމީ ބަލިތަކަށް ފަރުވާދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުގައި މިހާރު ވަކި ޕްލޭނެއްގެ ދަށުން އުސޫލްތަކެއް ކަނޑައެޅިގެން އެ ފަރާތްތަކަށް ފަރުވާދެވޭނެ ހާއްސަ ނިޒާމެއް ގާއިމްކުރެވެމުން އަންނަ ކަމަށާއި، އޭގެތެރެއިން ޓެލެމެޑިސިންގެ ޛަރިއްޔާއިން މުޅި ދުނިޔޭގެ %58 ގައުމުގައި ފަރުވާދެމުން އަންނައިރު، ފަގީރު ގައުމުތަކުގެ ނިސްބަތް އުޅެނީ %42 ގައެވެ. އަދި %70 ގައުމުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާކުރަމުން އަންނަ ފަރާތްތައް ދެނެގަނެވި ތަފާސް ހިސާބުތައް އެއްކުރެވިފައިވުމަކީ ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައިވެއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ގައިން ގަޔަށް ނާރާ ބަލިތަކުގައި އަހަރަކު މުޅި ދުނިޔޭން 41 މިލިއަނެއްހާ މީހުން މަރުވާ ކަމަށާއި، މިއީ މުޅި ދުނިޔޭން ކޮންމެ އަހަރަކު މަރުވާ މީހުންގެ %71 ކަމަށެވެ. އަދި ގައިން ގަޔަށް ނާރާ ބަލީގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 15 މިލިއަން މީހުންނަކީ އުމުރުން 30 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެތެރެއިން، %85 މީހުންނަކީ ފަގީރު އަދި މެދު ފަންތީގެ ގައުމުތަކުން މަރުވާ މީހުންނެވެ.