English Edition
Dhivehi Edition
ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގާ ޖޭޑަން ސަންޗޯ ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ތެރެއިން ޖޯޖް ފްލޮއިޑް އަށް އިންސާފު ހޯދައިދިނުމަށް އެދޭ މެސެޖް ލިޔެފައިވާ ޓީޝާޓާއެކު. --ފޮޓޯ: އޭޕީ

ޖަރުމަން ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުގައި އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ ކާމިޔާބުކުރި ހެޓްރިކާއެކު ތާވަލްގެ އެންމެ ފުލުގައި އުޅޭ ޕެޑަބޯން އަތުން 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވެއްޖެއެވެ.

މިއީ އޭނާގެ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކްގެ އިތުރުން ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ސަންޗޯ ވަނީ އުފާ ފާޅުކުރުމުގެ ތެރޭގައި ޖާޒީ ބޭލުމަށްފަހު، ދާދިފަހުން އެމެރިކާގައި މަރާލި ޖޯޖް ފްލޮއިޑް އަށް އިންސާފު ހޯދައިދިނުމަށް އެދޭ މެސެޖެއް ލިޔެފައިވާ ޓީޝާޓެއް ދައްކާލާފައެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެވެ. އެ ޓީމަށް 29 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތް ޕޮއިންޓް ފަހަތުން ޑޯޓްމަންޑް އޮތީ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކް އާއި ހަތަރުވަނައިގައި އުޅޭ ބަޔާ ލެވަކޫސަން އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ޕެޑަބޯންގެ ބެންޓެލާ އެރީނާގައި ރޭ ކުޅުނު މެޗަށް ޑޯޓްމަންޑް ނިކުތްއިރު އަނިޔާގެ ސަބަބުން އާލިން ބްރައުޓް ހާލަން ނުކުޅެއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕެޑަބޯންގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައި ޑޯޓްމަންޑުން ލަނޑެއްޖެހިޔަނުދީ ހިފަހައްޓާފައެވެ. މި ހާފުގައި އެ ޓީމުގެ ކްރިސްޓޮފާ އެންޓްވީ-އަޖެއީ އަށް ލަނޑުޖަހާނެ ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ޑޯޓްމަންޑްގެ ތޯގަން ހަޒާޑާއި ރަފައެލް ގުރޭރޯގެ އިތުރުން އެމްރޭ ޗާން އަށް ލިބުނު ފުރުޞަތުތަކުގެވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފު ފެށިގެން 12 ވަރަކަށް މިނެޓުގެ ތެރޭގައި، ޑޯޓްމަންޑުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ގުރޭރޯ ދިން ބޯޅައަކުން ހަޒާޑް އެ ޓީމަށް ލީޑް ނަގައިދިންއިރު، އޭގެ ތިން މިނެޓުފަހުން ސަންޗޯ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕެޑަބޯންގެ އުވޭ ހުނެމެއާ ފަރަގުކުޑަކުރިއެވެ.

ނަމަވެސް، އޭގެ ދެ މިނެޓުފަހުން ސަންޗޯ ވަނީ އިތުރު ލަނޑެއްޖަހައި ޑޯޓްމަންޑްގެ ދެލަނޑުގެ ލީޑް ދަމަހައްޓާފައެވެ. އޭގެފަހުން، މެޗުގެ 85 ވަނަ މިނެޓާއި 89 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ އާއި މާސެލް ޝްމެލްޒާ ކާމިޔާބުކުރި ލަނޑުތަކުން މެޗު ނިމެން ދަނިކޮށް، އިތުރުވަގުތުގައި ސަންޗޯ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަންޗޯ ވަނީ ލީގުގައި 17 ގޯލް ކާމިޔާބުކޮށް، އިތުރު 16 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މޮންޗެންގްލަޑްބަކް ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ޔޫނިއަން ބާލިން ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ މާކަސް ތުރާމް ދެލަނޑުޖެހިއިރު، އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަލަސާނޭ ޕްލެއާ އާއި ފްލޮރިއަން ނެހައުސް އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ތާވަލްގެ ފަސްވަނައިގައި އުޅޭ އާރްބީ ލިޕްޒިގު ރަށުން ބޭރުގައި ނިކުންނާނީ އެފްސީ ކޮލޯންއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 23:30 ގައެވެ.