English Edition
Dhivehi Edition
09 ޖުލއި 2019 ވަނަ އަހަރު ބޭއްވި އޭ ލެވެލް ޓޮޕް 10 އެވޯޑް ހަފްލާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް އެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާާފައިވާ ކަމަށެވެ. އަދި އެ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެ ސްކޮލަރޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  2. “އިސްލާމް” އާއި “ދިވެހި” ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން A* ޙާޞިލްކޮށްފައިވުން.
  3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން “ސީ” އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން.

ހަޔަރ އެޑިޔުކޭޝަނުން ވަނީ މި ޝަރުތުތައް ފުރިހަމަވާ ދަރުވަރުން އެ ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބޭނުންވާ ލިޔުންތައް ވަރަށް އަވަހަށް https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެ ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެ ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން އެކަން ކުރިއަށްދިއުން އަވަސްކުރުމަށް ސަމާލުކަން ދިނުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.