English Edition
Dhivehi Edition
ހައި އެޗީވާސް ސްކޮލަޝިޕް ކިނުބު ދަރިވަރުންނަށް ލިއުން ޙަވާލު ކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް

މިއަހަރު ސަރުކާރުން ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުޠުހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިޢުލާނުކުރެއްވީ، 2021-2020 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމް” ދިނުމަށްދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ގޮތުން ރައީސް ވިދާޅުވީ ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ޙާޞިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައިވެސް، މިއަހަރު ސަރުކާރުން ހެޔޮބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މިފަހަރު ސަރުކާރުން ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން 1225 ދަރިވަރަކު ލޯނަށް ޝަރުޠު ހަމަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހުރިހާ ދަރިވަރުންނަށްވެސް ސްޓޫޑެންޓް ލޯނު ދިނުމުގެ އިތުރުން އެއްވެސް މައްސަލައެއް ދިމާވެގެން ދަރިވަރަކަށް ފުރުޞަތު ގެއްލޭކަމަށް ވާނަމަ އެކަން ބަލައި އެދަރިވަރުންނަށްވެސް ލޯނު ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯނަށް ގެނެވުނު މިބަދަލާއި ގުޅޭ އިތުރު ތަފްޞީލްތައް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަކުރައްވާނެކަމަށެވެ.

އިތުރަށް ރައީސް ވަނީ މަތީތަޢުލީމަށް ސަރުކާރުން ފޯރުކޮށްދޭ ފަހި ފުރުޞަތުތަކުގެ އިތުރުން، ހުނަރާއި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. މި ގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުޞަތު ޖުމްލަ 665 ޒުވާނަކަށް މިހާތަނަށް ފަހިކޮށްދެވިފައިވާކަމަށް ރައީސް ވަނި ވިދާޅުވެފައެވެ