English Edition
Dhivehi Edition
09 ޖުލއި 2019 ވަނަ އަހަރު ބޭއްވި އޭ ލެވެލް ޓޮޕް 10 އެވޯޑް ހަފްލާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ހައި އެޗީވަރސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް އެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަރޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ “ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް”ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށާއި، ކިޔެވުމުގެ ޚަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެ ސްކޮލަރޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  2. “އިސްލާމް” އާއި “ދިވެހި” ހިމެނޭ ގޮތަށް މަދުވެގެން 5 މާއްދާއިން A ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން A ޙާޞިލްކޮށްފައިވުން.
  3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން “ސީ” އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން.

އެ ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެ އާއި، ސާރކްގެ އެހެނިހެން ޤައުމުތަކުގެ އިތުރުން މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތަކުގައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޮލަރޝިޕަށް ޝަރުޠު ފުރިހަމަވާ ދަރިވަރުން، ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބޭނުންވާ ލިޔުންތައް ވަރަށް އަވަހަށް https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައެވެ.

އެ ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެ ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން އެކަން ކުރިއަށް ގެންދެވުން އަވަސްކުރުމަށް ސަމާލުކަންދިނުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.