English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ކުކުޅު ބިރިޔާނީ ކައްކާނެގޮތުގެ ރެސިޕީއެވެ. ބިރިޔާނީ އަކީ ދިވެހިން ވަރަށް ގިނައިން އީދާ ދިމާކޮށް އަދި ހާއްސަ ހަފްލާތަކަށް ކައްކައިއުޅޭ ކެއުމެކެވެ.

ބޭނުންވާތަކެތި: (8މީހުންނަށް)

1 ކިލޯ ކުކުޅު (ކުދިކޮށްކޮށާފައި)

500ގ ހަނޑޫ

1/2 ސަމްސާ ދިރި

2 ސަމްސާ ކޮރިއަންޑާ ޕައުޑަރ

1/2 ސަމްސާ ރީނދޫ

1 ސަމްސާ މުގުރި މިރުސް

8 ބިސް ފެނުކައްކާފައި

3 ފިޔާ

8 ކާފޫރުތޮޅި

5 ލޮނުމެދު

1 ސަމްސާ ގިތެޔޮ މިރުސް

1 ޖޯޑު ކެޝޫނަޓް

1 ޖޯޑު މޭބިސްކަދުރު

2 ފޮނިތޮށިކޮޅު

1 ސަމްސާ އިނގުރު ގާނާފައި

2 ސަމްސާ ގިތެޔޮ

ރާނބާފަތްކޮޅެއް

ލޮނު އަދި ތެޔޮ

1 ޕްލެއިން ޔޯގަޓް

2 ސަމްސާ ދިވެހި ހަވާދު (ހަނާކުރި ހަވާދު)

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ އިނގުރު، ލޮނުމެދު، މުގުރި މިރުސް، ފޮނިތޮށި، ކާފޫރު ތޮޅި، ދިރި، ކޮރިއަންޑާ ޕައުޑަރ، ރީނދޫ ކުޑަ ފެންފޮދެއް އަޅާފައި މިކްސަރުން ފުނޑާލާށެވެ. ފުނޑާލުމަށްފަހު މި ހަވާދުގެ ތެރެއަށް ޔޯގަޓްގެ ދެބައިކުޅެ އެއްބައި އަޅާފައި އެއްކޮށްފައި ކުކުޅުތަކުގެތެރެއަށް އަޅާފައި މިކްސް ކޮށްފައި މަތިޖަހާފައި މެރިނޭޓް ކުރަން ބަހައްޓާށެވެ.

ދެން ދެފިޔާ ކޮށާފައި، ފިޔާ ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާފައި ނަގާފައި ބަހައްޓާށެވެ. ހަމަ އެތެޔޮ ފޮދުގައި ކެޝޫނަޓް އަދި މޭބިސްކަދުރު ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާފައި ބަހައްޓާށެވެ.

ހަނޑޫ ރަނގަޅަށް ދޮވެފައި ތެއްޔަށް އެޅުމަށްފަހު ފެންއަޅާފައި އޭގެތެރެއަށް 1 ސައިސަމްސާ ގިތެޔޮ، 3 ކާފޫރުތޮޅި، 2 ފޮނިތޮށިކޮޅު، ރާނބާފަތް، ލޮނު، 3 ކަރަންފޫ އަޅާފައި ޗަސްނުކޮށްކައްކާފައި ހިހޫކުރަން އެހެން އެއްޗަކަށް ބަތްނަގާފައި ބަހައްޓާށެވެ.

ދެން ތެއްޔެއް އުނދުންމައްޗަށް އުދާފައި އޭގެތެރެއަށް ގިތެޔޮއަޅާފައި ބާކީ ހުރި ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް ރާނބާފަތް، ލޮނުމެދު، ކާފޫރު ތޮޅި، ފޮނިތޮށި އަޅާފައި ފިޔާ ރަތްވަންދެން ކައްކާށެވެ. ދެން މެރިނޭޓްކުރަން ބެހެއްޓި ކުކުޅު މީގެތެރެއަށް އަޅާފައި ހަނާކުރިހަވާދު، އަދި ލޮނު ކޮޅަކާއި 1/2ޖޯޑު ފެން އަޅާފައި 20 މިނެޓްވަންދެން މަޑުގިނީގައި މަތިޖަހައިގެން ކައްކާށެވެ. ދެން ކުކުޅު މަޑުވުމުން ޔޯގަޓްގެ ބާކީ ބައި އަޅާފައި އިތުރަށް 5މިނެޓްވަންދެން ކައްކާލާފައި އުނދުންމަތިން ބާލާށެވެ. ރިހަ މާބޮޑަށް ހިކިނަމަ އިތުރަށް ފެންއަޅާލެވިދާނެއެވެ.

ޓްރޭއަކަށް ބަތް ލޭޔާއެއް އެޅުމަށްފަހު އެލޭޔާގެ މައްޗަށް ތެލުލި ފިޔާ، ކެޝޫނަޓް، މޭބިސްކަދުރު، ބިސް ފަޅިކޮށްފައި އަޅާފައި ރިހަކޮޅެއް އަޅާފައި އަނެއް ލެޔާ އަޅާށެވެ. ބަތާއި ރިހަ ހުސްވަންދެން މިގޮތަށް ލޭޔާ އަޅާށެވެ. ބިރިޔާނީ ސާރވް ކުރުމުގެ ކުރިން މައްޗަށް ކޮރިއަންޑާފަތް އަޅާލެވިދާނެއެވެ.