English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއީއޯސީގެ ޕްރެސްއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ: އެންއީއޯސީ

މި އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަތުރުވެރިންނަށް ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ރާވަމުންދާ ކަމަށެވެ. އަދި ރާއްޖެ ވަނުމަށް ފަތުރުވެރިން އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމުގެ ޔަޤީންކަންދޭ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށްޓަކައި ތައްޔާރުކޮށްފައިވާ “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން”ގެ ފުރަތަމަ ދެލިކޮޕީ ވަނީ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފަ އެވެ. އަދި އެ ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތުވެސް މީގެ ކުރިން ހުޅުވާލާފައިވާއިރު، އެ ގައިޑްލައިން ފުރިހަމަކޮށް ސަރުކާރުގެ ފައިނަލް ޕޮލިސީ އާންމުކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސް، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހު އެވެ.