English Edition
Dhivehi Edition
ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ: ފޮޓޯ ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 159 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރު ތަރުޖަމާނު، މަބްރޫކް އަޒީޒް ހާމަކުރެއްވި ގޮތުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ރަނގަޅުވެފައިވާ ކަމަށާއި، އެގޮތުން މިހާތަނަށް 401 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 1672 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1478 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1291 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 401 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.