English Edition
Dhivehi Edition
އެންއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް ވާހަކަދައްކަވަނީ - ފޮޓޯ: އެންއީއޯސީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1672 އަށް އަރައިފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރު ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1155 ސާމްޕަލް ނަގާފައިވާއިރު، 800 އަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ މިއަދު ލިބިފައިވާ ކަމަށެވެ. އަދި ރެއިން ފެށިގެން މިރެއާއި ހަމައަށް 81 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1672 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1478 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1291 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 401 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.