English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ކްލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރުތަކުން އަލުން ސްޓޯރޭޖް ފީ ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.

އެމްޕީއެލް އިން ވަނީ ކޮވިޑް-19 ރޯގާ އާ ގުޅިގެން މާލެ ސަރަޙައްދު 15 އޭޕްރީލް 2020 އިން ފެށިގެން ފުރަބަންދު ކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާރމިނަލްގައި ކުލިއަރ ނުކޮށް ހުރި މުދަލަށް ފުރަބަންދު މުއްދަތުގައި ސްޓޯރޭޖް ފީ ނުނަގާ ގޮތަށް މީގެ ކުރިން ހަމަޖައްސައިދީފައެވެ.

ނަމަވެސް އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ހަމަޖެއްސުމާ ގުޅިގެން މުދާ އެތެރެ ކުރާ ގިނަ ފަރާތްތަކުން މުދާ ކްލިއަރ ކުރުމަށް އިސްކަން ދީފައި ނުވުމުގެ ސަބަބުން، މުދަލާއެކު ގިނަ ކޮންޓެއިނަރ ތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހި ބަނދަރު ތޮއްޖެހިފައިވާ ކަމަށެވެ. އަދި އެހެން ވުމުގެ ސަބަބުން މުދާ ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދާބާލައި ބަހައްޓާނެ ޖާގަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތަކައް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމުގައި
ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެހެންކަމުން މިހާރު ކްލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކަށް 10 ޖޫން 2020 ގެ ފަހުން ވަކި އުސޫލެއްގެ ދަށުން ސްޓޯރޭޖް ފީ ނެގުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ސްޓޯރޭޖް ފީ ނެގުމަށް ހަމަޖެހިފައިވާ އުސޫލު:

  1. ސްޓޯރޭޖް ފީ ނަގާއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒް ކާރގޯގެ ސްޓޯރޭޖް ފީ އިން %20 މާފްކުރަން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް %20 މާފް ކޮށްދެވޭނެ.
  2. ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒްޑް ކާރގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް (ބަނދަރު ބަންދު ދުވަސްތައް ނުހިމަނާ) ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެ.
  3. މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ފުރަބަންދު މުއްދަތުގައި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން 10 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް ފްރީ ސްޓޯރޭޖް 12 ދުވަސް ހަމަވެފައިވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ 11 ޖޫން 2020 އިން ފެށިގެން ސްޓޯރޭޖްފީ ނަގާ އުސޫލުން.
  4. 10 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް 12 ދުވަސް ހަމަނުވާ މުދަލަށް ސްޓޯރޭޖް ފީ ނަގާނީ މުދާ ބަނދަރަށް ބޭލި ތާރީޚުން ފެށިގެން 12 ދުވަސް ހަމަވުމަށްފަހު.
  5. މި ބަދަލާއެކު އެމްޓީ ކޮންޓެއިނަރ ސްޓޯރޭޖް ކުރިންވެސް ނަގަމުން ދިޔަ އުޞޫލުން 11 ޖޫން 2020 އިން ފެށިގެން ނަގާނެ.