English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން “ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020” ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޚާއްސަ ބިލެއް ފޮނުވައިފި އެވެ.

އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމެވެ. އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވާނެއެވެ.

އެ ބިލު އެކުލަވާލާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާޢީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްޞަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އެގޮތުން، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ. އެކަން ލާޒިމުކޮށްފައިވާނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވާ ގޮތަށެވެ.

އަދި ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނެ ކަމަށްވެސް ހިމަނާފައިވެއެވެ. އަދި އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

އަދި ކޮވިޑް19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދދޭންވާނެ ކަމުގައި އާއި، އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމުގައިވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން މުވައްޒަފުންނަށް ޚާއްޞަ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ޚާއްޞަ ޗުއްޓީ ދޭންވާނެ ކަމުގައިވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ފަރާތްތަކެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާއިރު، އެ ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާމެދު ފިޔަވަޅުއެޅުން ހުއްދަވާނެ ޙާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ޙާލަތްތައް، ބަޔާންކޮށްފައިވެއެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ޙާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި ކަމުގައި ބިލުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުޞޫލުތައް ބިލުގައި ހިމަނާފައިވާއިރު، ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމަށްވެސް އެ ބިލުން މަގުފަހިކޮށްދީފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.