މިވަގުތު ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކީ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ކަމަށް އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ ފޯބްސް އިން ބުނެފިއެވެ.
ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާއްމުކުރަމުން އަންނަ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 އެތުލީޓުންގެ ލިސްޓުގެ އެންމެ ކުރިއަށް ފެޑެރާ ޖެހިލީ ކުރިން އެއްވަނައިގައި އޮތް އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހުގައެވެ. މީގެއިތުރުން، ފެޑެރާ އަކީ މިހާތަނަށް މި ލިސްޓުގެ އެއްވަނަ މަގާމުން ޖާގަ ހޯދި ފުރަތަމަ ޓެނިސް ކުޅުންތެރިޔާވެސް މެއެވެ.
އެގޮތުން، ފޯބްސް އިން ހާމަކޮށްފައިވާ އެންމެފަހުގެ އާމްދަނީއާ ބެހޭ ހިސާބުތަކުން ދައްކާގޮތުގައި، މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ފެޑެރާ އަށް 106.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި އުޅެނީ މިދިޔަ އަހަރުގެ ތިންވަނަ މަގާމުގައި އޮތް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔުވެންޓަސްގެ ފޯވާޑް ރޮނާލްޑޯ އަށް 105 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ތިންވަނައިގައި އުޅޭ މެސީ އަށް ވަނީ 104 މިލިއަން ޑޮލަރު ލިބިފައެވެ.
މިދިޔަ އަހަރާއިއަޅާ ބަލާއިރު މި ފަހަރުގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުޅިވަރު މުބާރާތްތައް މެދުކަނޑާލައި، އިގްތިޞާދީ ގޮތުން އައިސްފައިވާ ހީނަރުކަމެވެ. އެހެންކަމުން، އެމެރިކާގެ އެންއެފްއެލް ފިޔަވައި އެހެން ހުރިހާ ކުޅިވަރުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
އެކަމަކު، މިދިޔަ އަހަރެކޭ އެއްފަދައިން މި ފަހަރުގެ ލިސްޓުގައިވެސް އެންމެ ގިނަ އަދަދަކަށް ހިމެނެނީ އެމެރިކާގެ އެންބީއޭގައި ކުޅޭ ބާސްކެޓްބޯޅަ ކުޅުންތެރިންނެވެ. އެގޮތުން، އެންމެ ބޮޑު އާމްދަނީއެއް ލިބޭ 100 އެތުލީޓުންގެ ތެރޭގައި 35 ކުޅުންތެރިން ހިމެނިފައިވެއެވެ. ދެން އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ނިސްބަތްވާ އެންއެފްއެލްގެ 31 ކުޅުންތެރިއަކު ހިމެނޭއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މި ފަހަރުގެ ލިސްޓުގެ ގަދަ 100 ގައި ހިމެނިފައިވަނީ ބޭސްބޯޅަ އެންމެ ކުޅުންތެރިއެކެވެ.
މި ލިސްޓުގެ ގަދަ 100ގައި ހިމެނޭ ހަމައެކަނި އަންހެން އެތުލީޓުންނަކީ ޖަޕާނުގެ ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ އާއި އެމެރިކާގެ ޓެނިސް ލެޖެންޑް ސެރީނާ ވިލިއަމްސް އެވެ. އޮސާކާ އަކީ ދާދިފަހުން ފޯބްސް އިން ހާމަކުރި މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން އެތުލީޓެވެ. އޭނާ އަށް އާމްދަނީގެ ގޮތުގައި 37.4 މިލިއަން ޑޮލަރު ލިބިފައިވާއިރު، ސެރީނާ އަށް ލިބިފައިވަނީ 36 މިލިއަން ޑޮލަރެވެ.
މިފަހަރުގެ ލިސްޓުގައި ހިމެނޭ އިތުރު ފުޓްބޯޅަ ކުޅުންތެރިންނަށް ބަލާއިރު، ޕްރިމިއާ ލީގުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިއަކީ 34 ވަނައިގައި އުޅޭ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އެވެ. އޭނާ އަށް އާމްދަނީގެ ގޮތުގައި 35.1 މިލިއަން ޑޮލަރު ލިބިފައިވާއިރު، ފްރާންސްގެ ކިލިއަން އެމްބާޕޭ (36)، ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ (46) އާއި އާސެނަލްގެ މެސުޓް އޮޒިލް (49) އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ (50) ވަނީ މި ލިސްޓުގެ ގަދަ 50 އިން ޖާގަ ހޯދާފައެވެ.
މިފަހަރުގެ ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ އެހެން އެތުލީޓުންނަށް ބަލާއިރު، އިނގިރޭސިވިލާތުގެ ފޯމިއުލާ ވަން ރޭސް ކާރު ދުއްވުންތެރިޔާ ލުވިސް ހެމިލްޓަން ވަނީ 54 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެެކު 13 ވަނައިން ޖާގަ ހޯދާފައެވެ. އަޔާލެންޑްގެ މިކްސް މާޝަލް އާޓިސްޓް ފައިޓާ ކޮނާ މެކްގްރެގާ އަށް 48 މިލިއަން ޑޮލަރުގެ އާމްދަނީ އަކާއެކު ހިމެނުނީ 16 ވަނައިގައެވެ. މީގެއިތުރުން، 26 މިލިއަން ޑޮލަރުގެ އާމްދަނީ އަކާއެކު އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާތު ކޯލީ ވަނީ މި ލިސްޓުގެ 66 ވަނައިން ޖާގަ ހޯދާފައެވެ.
ފޯބްސް އިން ހާމަކުރި އެންމެބޮޑު އާމްދަނީއެއް ލިބޭ އެތުލީޓުންގެ ގަދަ 10: