English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެންމުމަށް ޤާނޫނު އަސާސީގައި އިންތިޤާލީ މާއްދާއެއް ހިމެނުމަށް ސުޕްރީމް ކޯޓުން ލަފާދީފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ލަފާދެއްވާފައި ވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ނިންމާފައި އޮތީ މިދިޔަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިޚާބު ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފަ އެވެ. އެއަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެ ކަމަށް ކަނޑައަޅައިފަ އެވެ.

އެހެންކަމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަނެ، ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް މަޖިލީހުން ވަނީ އެދިފައެވެ.

އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އިޝްތިޝާރީ ލަފާގައި ބުނެފައި ވަނީ ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގައި ބިލުގައި އިސްލާހުކުރަން މިހާރު ހުށަހަޅާފައިވާ އެ ޤާނޫނުގެ 4 ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި، އެ ބިލުން ނުވަތަ އެނޫންވެސް ބިލަކުން ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ ޤާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިޤާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި އެގޮތުން ގެނެވޭ އިސްލާހު، ޤާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން، އެ މަޤާމުތަކުގައި ތިބޭނެ ކަމަށް ސަރީހަ ބަހުން ބަޔާންކޮށްގެން މެނުވީ، 04 އޭޕްރީލް 2020 ގައި ބޭއްވުމަށް އީސީން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމާއި ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމްވެ، އާ އިންތިޚާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށްވެސް އެ ލަފާގައި ބުނެފައި ވެއެވެ.