English Edition
Dhivehi Edition

ދުވަހަކުވެސް ނުދަންނަ މީހަކު ތިބާ ކައިރީގައި ހިނިތުންވެލާން ބުނިހެއްޔެވެ؟ ހަޤީގަތަކީ ގިނަ ފިރިހެނުން ދެކޭގޮތުގައި އަންހެނުން އަބަދު ތިބެންޖެހެނީ ހިނިތުންވެފައޭ ބުނުމުން އެއީ އާކަމެއްކަމަށް ޤަބޫލެއް ނުކުރެއެވެ.

ގިނަ މުޖުތަމަޢުތަކުގައި އަންހެނުން ގެ ހިނުތުންވުމަކީ ހަމައެކަނި ހިނިތުންވުމެއްގެ ގޮތުގައި ބަލައިގަނެފައި ނުވެއެވެ. އެއިގެ ބަދަލުގައި އެކަނބަލުންގެ ހިނިތުންވުމަކީ އެއަށްވުރެ ފުން މާނައެއް އެކުލެވޭ ކަމެއްކަމަށް ބަލައިގަނެފައިވެއެވެ. އެހެނީ އެހިނިތުން ވުމަކީ ކަމަކާއި އެއްބަސްވުން ނުވަތަ ނޫނެކޭ ނުބުނުން ނުވަތަ އިޙްސާސެއް އަންގައިދޭ ކަމަކަށް ވާތީ އެވެ.

އަބަދާއި އަބަދު އަންހެނުން ހިނިތުންވެފައި ތިބޭކަަށް ނުޖެހެއެވެ. ސަބަބަކީ އަބަދު ހިނިތުންވެގެން ތިބޭ މީހުންނަކީ ބަދުނަސީބު ބައެއްގެ ގޮތުގައި އެއްދުވަސްވަރެއްގައި ދެކެމުން އައިސްފައި ވެއެވެ. އަދި އެމީހުންނަކީ ކުށެއްކޮށްފައިވާ ނުވަތަ ކަމެއް ފޮރުވަން އުޅޭބައެއްގެ ގޮތުގައި ދެކެމުން އައިސްފައިވެއެވެ. އެހެންނަމަވެސް 20 ވަނަ ގަރުނުގައި މިކަން ބަދަލުވެ ތަބައްސުމް ވެފައި ތިބޭ އަންހެނުންނަކީ މުޖުތަމަޢުތަކުގައި ޤަދަރު ލިބިގެންވާ ބައެއްކަމަށް ދެކެން ފަށައިފައި ވެއެވެ. އެހެންނަމަވެސް މިކަން ބައެއް މުޖުތަމަޢުތަކުގައި އަދިވެސް ބަދަލުވެފައި ނުވެއެވެ. އެމީހުން ދެކޭ ގޮތުގައި އަންހެނުން ބޭރުތެރޭގައި ހިނިތުންވެގެން އުޅުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އެގޮތަށް އުޅޭނަމަ އެކަނބަލުންނަށް ދެރަ ގޮތްތަކެއް ދިމާވެދާނެތީކަމަށެވެ.

ހިނިތުންވުމަކީ މީހާގެ މިޒާޖު އަންގައިދޭކަމެއް ނޫނެވެ. އެހެނީ ހިނިތުންވުމަކީ މީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފައެއްވެސް އަދި ނުރަނގަޅު ސިފައެއްްވެސް ދަނެ ނުގަނެވޭނެއެވެ. ހިނިތުންވުމަކީ މޫނުމައްޗަށް ގެނެވޭ ހަރަކާތަކަށް ވާއިރު ޤުދުރަތީ ހިނިތުންވުމާއި، ފޭކް ހިނިތުންވުން ހުރެއެވެ. މިކަމަށް އިޝާރާތްކުރަމުން ލޮންޑާ ސްޖެއިބްރިންގަރ ބުނެފައިވަނީ، ‘ ފިރިހެނުންނާއި ޙިލާފަށް އަންހެނުން ވާހަކަ ދެއްކުމާއި، އެމީހުންގެ އުޅުމުގައި އިޙްލާސްތެރިކަން ގެންގުޅެންޖެހެއެވެ. މިކަން އެންމެ ފަސޭހައިން ދައްކުވައި ދެވޭނީ އެމީހުންގެ ތެދުވެރި ހިނިތުންވުމުންނެވެ’.

އަންހެނުން މަސައްކަތުގެ މާހައުލުގައި އުޅޭއިރުވެސް ހިނިތުންވުން އިސްކުރުން މުހިއްމެވެ. ސަބަބަކީ ގިނަ ފަހަރަށް އަންހެނުންނަކީ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތާއި އެންމެ ފުރަތަމަ ދިމާވާ ގޮތަށް ވަޒީފާ އަދާކުރާ ބައެއްކަމަށް ވުމެވެ. އެހެންކަމުން ހިތްހެޔޮ ހިދުމަތެއް ފޯރުކޮށްދިނުމުގައި ރީތި ހިނިތުންވުމެއް މުހިއްމެވެ.

ރީތި ހިނިތުންވުމަކީ ލިބިފައިވާ ހަދިޔާއެކެވެ. އަދި އެއީ ކުރެވޭ ސަދަޤާތެކެވެ. އެހެންކަމުން އަބަދުވެސް ހިނިތުންވުން މުހިއްމެވެ. ނުދަންނަ މީހުންނާއި ވެސް ހިނިތުންވުމާއި އެކު މުހާތަބު ކުރުން މުހިއްމެވެ. މުޖުތަމަޢުގެ ގުޅުން ބަދަހިވެގެން ދިޔުމަށް ހިނިތުންވުމާއި އެކު އެކަކު އަނެކަކު ބައްދަލުންވާން ޖެހެއެވެ. އަދި ޙާއްސަކޮށް އަންހެނުންނަކީ ހިނިތުންވެފައިތިބޭ ބަޔަކަށް ވާން ޖެހެއެވެ.