English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށް އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ބުނެފިއެވެ.

ވޮޝިންޓަން ޕޯސްޓުގައި ‘އަ ޕްލޮޓު އިން ޕެރަޑައިސް އެންޑް އިންޑިއާސް ސްޓްރަގްލް ފޯ އިންފުލުއެންސް އިން އޭޝިއާ’، މި ސުރުހީގެ ދަށުން މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒު އަޒުލު ކުރަން އިންޑިއާ އިން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ.

‘ޑިމޮކްރެޓިކް ރިނިއުވަލް އިނިޝިއޭޓިވް’ގެ ނަމުގައި ތައްޔާރުކޮށްފައިވާ ރޯގެ ޑޮކިއުމެންޓާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައި ބުނީ، ޕީއެންސީ މެންބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ރިޝްވަތް ދިން ކަމަށެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް 10 އޮފިޝަލަކަށް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް އިދިކޮޅު ފަރާތްތަކުން އިންޑިއާއަށް ހުށަހަޅާފައިވާކަަމަށެވެ.

މި ޕްލޭނަށް ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅައި، އެ ފައިސާ ހޯދުމަށް އިންޑިއާގެ އެހީ ހޯދަން މިކަން ރޭވި ފަރާތްތަކުން މަސައްކަތްކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައެވެ.

މަސްތަކަކަށް ދެމިގެންދިޔަ ސިއްރު މަޝްވަރާތަކަށް ފަހު ވެސް ސަރުކާރު ވައްޓާލަން ކުރަމުންދިޔަ މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބުނު މައިގަނޑު ސަބަބެއްކަމުގައި އެ ލިޔުމުގައި ބުނެފައިވަނީ ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެންބަރުން ނުލިބުން ކަމަށެވެ. އަދި އީސް މުއިއްޒު އަޒުލުކޮށްފި ނަމަ ސުޕްރީމް ކޯޓުން އެކަން ހުއްޓުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުރަވިއިރު ސަލާމަތީ ބާރުތަކުން ނުކުތުމުގެ އިތުރުން އާންމު ރައްޔިތުންގެ ނުރުހުން ވެސް އަމާޒުވާނެ ކަމުގެ ބިރު ބޮޑުވި ކަމަށްވެސް މި ރިޕޯޓުގައިވެއެވެ.