މިހާލަތަކީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރުން އެންގި ނަމަވެސް އަދި ޕާޓީއިން ބުނި ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ވޯޓު ނުދޭނެ ކަމަށްމާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައިވާއިރު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ރޭ ތްރީލައިން ވިޕެއް ނެރުނީ 41 މެންބަރުންގެ ވޯޓާ އެކު އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނުވަ މެންބަރަކު ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު އިންތި ވިދާޅުވީ ޕާޓީއިން ބުނި ނަމަވެސް އަމިއްލަޔަށް ގަބޫލުކުރެވިފައި އޮތް ގޮތަކާއި ހިލާފަށް ވޯޓު ނުދޭނެ ކަމަށެވެ.
ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މި ހާލަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންތިހާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނަމަ މިއީ ހަމަ ގަދަ ބައެއް ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ. “ގުދުރަތީ ކަމަކާ ގުޅިގެން ދީނީ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭ ހާލަތަށް އައިސް ލުއި ލިބޭއިރު ގާނޫނު އަސާސީއާއި ގާނޫނުގައި ބުނާ މުއްދަތަކަށް އިންތިހާބު ނުބޭއްވުމުން މުއައްސަސާތައް ކުށްވެރިވާނެ ހާލަތެއް ނޯންނާނެ. މިއީ ގާނޫނު އަސާސީ އިސްލާހު ކުރެވޭ ހާލަތެއްގެ ގޮތުގައި ދެކޭނަމަ މިއީ ގަދަ ބައެއް. ގައުމު އޮތީ ނުރައްކަލެއްގެ ހާލަަތުގައި ދެކޭނަމަ މިއީ ގަދަ ބައެއް” އިންތި ވިދާޅުވިއެވެ.
މި ބިލާއި ދެކޮޅަށް ވާހަކަދައްކަވަމުން އިންތި ވިދާޅުވީ މިހާލަތަކީ ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ މަޝްވަރާ ކުރެވި ގާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސް ކުރުމަށް ހުރަސްއެޅިފައިވާ ހާލަތެއް ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް އިންތިވަނީ ވިދާޅުވެފައެވެ.