ފޭސްބުކްގައި މިހާރު އެންމެ މަޝްހޫރު އެއް ގްރޫޕަކީ “ބިން އައިސޮލޭޝަން އައުޓިނގް” ފޭސްބުކް ގްރޫޕެވެ. މި ގްރޫޕަކީ މީގެ ދުވަސްތަކެއް ކުރިން އޮސްޓްރޭލިއާގެ ޑެނިއެލް އަސްކިއު ކިޔާ އަންހެނަކު އުފެއްދި ގުރޫޕެކެވެ. މިހާރު މި ގުރޫޕަކީ ހަމަ އެކަނި އޮސްޓްރޭލިއާ މީހުން ބޭނުންކުރާ ގްރޫޕެއްނޫނެވެ. މިގްރޫޕްގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ މީހުން ދަނީ ބައިވެރި ވަމުންނެވެ.
ގްރޫޕްގެ އެޑްމިން، ޑެނިއެލް ބުނާގޮތުން އެންމެ ފުރަތަމަ އޭނާ މިގުރޫޕް އުފެއްދީ ކޮވިޑް19 އާއި ގުޅިގެން އެންމެ ގިނަބަޔަކު ޕޮޒިޓިވްވެ އަދި މަރުވެފައިވާ، އޮސްޓްރޭލިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނިކުންނަން ހުއްދައެއް ނެތުމުން ހަމަ އެކަނި ކުޑަ ވަގުތުކޮޅަކަށް ވެސް ގެއިން ބޭރަށް ނިކުމެވޭ ވަގުތަކީ ވޭސްޓް މެނޭޖްމެންޓުން ކުނި ބަލާ އަންނަ ވަގުތަށް ވާތީއެވެ. ޑަސްބިން ބޭރަށް ނެރޭ ވަގުތު ކޮޅު އެޅުނު އެންމެ ރީއްޗަކަށް ހެދުން އަޅައިގެން ބޭރަށް ނިކުމެ ފޮޓޯ ނެގުމަށްފަހު މަޖަލަކަށް މި ޕޭޖް އުފައްދައި އޭނަ އެވާހަކަ ހިއްސާ ކުރިއެވެ.
ކުޑަ ދުވަސްކޮޅަކުން އޮސްޓްރޭލިއާގައި މި ފޭސްބުކް ގުރޫޕް ވިދާލިއެވެ. އެމީހަކަށް ވެވުނު އެންމެ ރީއްޗެއް ވެލައިގެން އެޅުނު އެންމެ ރީތި ހެދުމެއް އަޅައިގެން ނޫނީ އެކި ކެރެކްޓާ ތައް ދައްކުވައިދޭ ހެދުން އަޅައިގެން ޑަސްޓްބިން ބޭރަށް ލުމަށް ނިކުންނަ ގަޑީގައި ނަގާފައިވާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން މި ގުރޫޕް ފުރާލިއެވެ. އޭގެ ދުވަސްތަކެއް ފަހުން މި ގްރޫޕަށް ބޮޑު ތަރުހީބެއް ލިބުމުން ޑެނިއެލް މި ގްރޫޕް ގެ ޕްރައިވެސީ ޕަބްލިކަށް ބަދަލު ކުރިއެވެ. އިސާހިތަކު ގޭގައި ފޫހި ވެފައި ތިބި އެތައް ގައުމުތަކުގެ މީހުނަށް މިއީ ވަރަށް އުފާވެރި މަޖާ ކަމަކަށް ވުމުން ގްރޫޕްގައި ބައިވެރިވެ އެމީހުންގެ ހުނަރާއި ބޭރަށް ނިކުންނަން ލިބޭ ވަގުތު ކޮޅުގެ އުފާވެރިކަން ހިއްސާކުރަން ފަށައިފިއެވެ.
މި ގުރޫޕްގައި ބައިވެރިވެފައިވާ މީހަކު ބުނާގޮތުން މި ޕޭޖް ރަހުމަތްތެރި އެއްގެ ފަރާތުން އޭނައަށް އެނގުމުން ބަލާލި އިރު މި ޕޭޖްގައި ހިއްސާކޮށްފައިވާ ވީޑިއޯތަކާއި ފޮތޯތައް ފެނިފައި އޭނައަށް މިކަންވީ ވަރަށް އުފާވެރި އަދި މަޖާ ކަމަކަށެވެ. ގޭތެރޭގައި އެތައް ދުވަހަކު ތާށިވެފައި ހުރި ސާރާ ބުނީ އޭނަ ރީތިވެގެން ގެއިންބޭރަށް ނުދާތާ ދުވަސްތަކެއް ވެފައި ވުމުން އަވަހަށް ބެލީ އަތުގައި އޮތްއެންމެ ރީތި ހެދުން އަޅައިގެން ޑަސްބިން ބޭރަށް ލުމަށް ނިކުމެ އެ މަންޒަރު އެހެން މީހުނަށް ދައްކާލުމަށެވެ.
އިތުރު މެމްބަރަކު ބުނެފައިވާ ގޮތުގައި މި ގްރޫޕްގެ ވާހަކަ އޭނައަށް އަޑު އިވުމުން ބަލާލިއިރު ޕޭޖްގައި ހުންނަ މަޖާ ވީޑިއޯ ތަކާއި ފޮތޯތައް އަދި އެކި މީހުން ކޮށްފައި ހުންނަ ކޮމެންޓްތަކާއި ފޮޓޯ އަދި ވީޑިއޯތަކުގެ ކެޕްޝަން ތައް ފެނިފައި އޭނައަށް ވީ ވަރަށް މަޖާކަމަކަށެވެ. “މި ގްރޫޕަށް ވަދެ ބަލާލުމުން ފޫހިފިލައި ގޭގައި ކަރަންޓީން ވެފައި ހުންނަ ކަމުގެ އިހްސާސެއް ނުވޭ. އަސްލު މިއީ ވަރަސް މަޖާ ކަމެއް. އަދި އެތައް ދުވަހަކަށްފަހު ރީތިވެލައިގެން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބޭރަށް ނިކުމެލާފައި ހުރިހާ ރައްޓެހިންނަށް ފެނިލެވެނީ މި ގުރޫޕް މެދުވެރިވެގެން މިހާރު” އޭނަ ބުންޏެވެ.
ޑެނިއެލް މި ގުރޫޕް އުފައްދާފައިވަނީ އޭނަގެ ރައްޓެއްސަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް ފެނިފައެވެ. ޑެނިއެލް ބުނީ އެ ޕޯސްޓްގައި އެކުވެރިޔާ ރީތިވެލައިގެން ޑަސްބިން ބޭރަށް ލުމަށް ނިކުމެ ފޮޓޯއެއް ނަގައި ވަނީ އެފޮޓޯ ފޭސްބުކްގައި ހިއްސާކޮށްފައެވެ. އަދި އެފޮޓޯ ގެ ކެޕްޝަންގައި އޭނަ ލިޔެފައި ވަނީ “ހަމައެކަނި ބޭރަށް ނިކުންނަން ލިބޭ ބަހަނާއަކީ ޑަސްބިން ބޭރަށް ލުމަށް ނިކުންނަވަގުތު” ކަމަށެވެ.
މިގްރޫޕްގެ ސަބަބުން ލޮކްޑައުންގައި ގޭގައި ތާށިވެފައި ތިބި އެތައްބަޔަކު ދަނީ ޑަސްބިން ބޭރަށް ލާވަގުތު އުފަންދުވަހާއި، އެނިވާސަރީ އަދި އެހެނިހެން މުނާސަބަތުތައް ފާހަގަ ކޮށްފައި އެމަންޒަރުތަކާއި ވީޑިއޯތައް ހިއްސާކުރަމުންނެވެ. މި ގްރޫޕްގައި ބައިވެރި ވުމުގެ ފުރުސަތު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ މީހުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ޑެނިއެލް މަޖަލަކަށް އުފެއްދި މި ގްރޫޕް މިހާތަނަށް 1.1 މިލިއަން މީހުން ފޮލޯކޮށްފައި ވެއެވެ.