English Edition
Dhivehi Edition

ޑރ. އަޙްމަދު އާޒިމް އަބްދުއް ޝަކޫރު ފޭސްބުކް ޕޯސްޓެއްގައި ހިއްސާ ކުރައްވާފައިވާ މައުލޫމާތަކާއި ގުޅިގެން އޭ.އޯ ނިއުސް އިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. އާޒިމް ވިދާޅުވީ މިހާރު ގދ. ތިނަދޫގެ ހާލަތަށް ބަލައި ރަށުގެ ހާލަތު ރަނގަޅުކުރުމަށް ރަށް ފުލް ލޮކްޑައުން އަކަށް ދާންޖެހޭ ކަމަށެވެ. ޑރ. އާޒިމް ގެ ފޭސްބުކް ޕޯސްޓްގައި ހިއްސާ ކުރައްވާފައިވާ ގޮތުގައި

ތިނަދޫ ކޭސްތައް ގިނަވެ ކޮންޓެކްޓް ޓްރޭސިންގގެ ބޭނުން ގެއްލޭ ހިސާބަށް ދާން އުޅޭހެން ހީވޭ. މިހާރު މިދާ ރޭޓުން ކުރިޔަށް އޮތް 6 މަސް ދުވަސް ތެރޭ ވެސް ކޮންޓްރޯލް ވާނެ ކަމަކަށް ލަފާ ނުކުރެވޭ. ފުލް ލޮކްޑައުންކޮށް ރަނގަޅަށް މޮނިޓަރ ކޮށްގެން ނޫނީ މިކަމެއް ނުވާނެ.” ކަމަށް ލިޔުއްވާފައި ވެއެވެ.

އިތުރަށް އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޑރ. އާޒިމް ވިދާޅުވީ ކޮމިއުނިޓީ ތެރޭގައި ދޫވެފައިވާ ގިނަ ކޭސްތަކެއް އުޅޭ ކަމުގައި ވަނީނަމަ ކޮންޓެކްޓް ޓްރޭސިންގގެ ބޭނުން ގެއްލޭ ހިސާބަށް ދާނެކަމަށެވެ. ކޭސްތައް ދޫވެފައި ހުންނަން މެދުވެރިވާން ޖެހޭ އެންމެ ބޮޑު ސަބަބަކަށް ވާނީ އަދި މިވަގުތު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ ފަރާތުން ތެދު މައުލޫމާތު ނުދިނުމާއި މައުލޫމާތުތައް ސިއްރުކުރުން ކަމުގައި ވެއެވެ.

ރޯގާގެ އަސަރުތައް ފެންނަ އިރު ޓެސްޓްތައް އަވަހަށް ހަދާނަމަ ގިނަ ކޭސްތަކެއް ކުރިން އެގި، އެ ކޭސްތަކުގެ މީހުން އެކަހެރި ކުރެވި، އިތުރު މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެގެން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ. ގިނަ މީހުން މައުލޫމާތު ސިއްރު ކުރަނީ ކަރަންޓީން ވާން ބޭނުން ނެތިގެން ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުމާއި އެކު ފަރުދީ ޒިންމާ އަދާކޮށްގެން މެނުވީ މިބަލިމަޑުކަމުން އަރައި ގަތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ޑރ. އާޒިމް ވިދާޅުވި ގޮތުގައި މިވަގުތު ހުރި ދަތިތަކަށް ބަލާއިރު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ކޮވިޑް ފެސިލިޓީގައި އެއް ޑޮކްޓަރުންތަކަކާއި ނަރުހުންތަކެއް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމަކީ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމެކެވެ. ހާއްސަކޮށް މެޑިކަލް އޮފިސަރުން މަދުވުމުގެ ސަބަބުން މިހާރު ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ހިދުމަތް ދެމުން އަންނަނީ ސްޕެޝަލިސްޓް ޑޮކްޓަރުން ލައިގެންކަމަށް ވެެއެވެ.

މިވަގުތު އެމް.އެން.ޔޫ ނާރސިންގް ކުދިން އަދި ތިނަދޫ ރީހެބް ސެންޓަރގެ މެޑިކަލް އޮފިސަރ ވޮލިންޓިއަރކޮށް މަސައްކަތްކުރާކަމީ ވަރަށް ބޮޑު ލުޔެއްކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ ފެސިލިޓީއަށް ކޭސްތައް ގިނަވާ ކަމުގައި ވަނީނަމަ މުވައްޒަފުންގެ ދަތިތަކެއް އައުމަކީ ކުރިމަތިވާނެ ކަމެއް ކަމަށެވެ.

މިވަގުތު ކޮވިޑް ފެސިލިޓީގައި 03 ޕޭޝަންޓަކަށް ފަރުވާ ދެމުން ދާއިރު އެއް ޕޭޝަންޓްގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރގަައި ކަމަށާއި އަނެއް 02 ފޭޝަންޓުން ހާލު ސްޓޭބަލްއެވެ. ކޮވިޑްގެ ކޭސްތައް ގިނަވެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކުރެވޭ ފަރާތްތައް ގިނަވެއްޖެނަމަ ދަތިތަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށް ޑރ. އާޒިމް ވިދާޅުވިއެވެ. މިވަގުތު ކޮވިޑް ފެސިލިޓީގައި ހުރީ ފަރުވާ ދެވޭނެ 06 އެނދު ކަމަށާއި އެއީ އައި.ސީ.ޔޫ ގައި 03 އެނދާއި ވާރޑްގައި 03 އެނދެވެ.

ގދ. ތިނަދޫގައި މިހާތަނަށް ޖުމްލަ 302 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. މީގެތެރެއިން 184 މީހުން ބަލިން ރަނގަޅުވެ މިވަގުތު ފަރުވާ ހޯދަމުންދަނީ ގދ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް ތިން މީހަކާއި އެކު ޖުމްލަ 118 މީހުންނެވެ. ޑރ. އާޒިމްގެ ލަފައަކީ ތިނަދޫ ފުލް ލޮކްޑައުން އަކަށް ދިޔުމެވެ. އަދި މުޖްތަމައުގެ ގިނަ ބައެއްގެ ލަފާއަށް ބަލައިލާއިރުވެސް ތިނަދޫ ފުލް ލޮކްޑައުން އަކަށް ގެންދަން މިހާރު މާ ލަސްވެއްޖެކަމަށް ވެސް ޑރ. އާޒިމް ވިދާޅުވިއެވެ.