English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އެމެރިކާ އިން މިހާތަނަށް މަރުވި މީހުންގެ އަދަދު 100،000 އަށް އަރައިފިއެވެ.

އެމެރިކާ އަކީ ކޮވިޑް-19ގެ ސަބަބުން މަރުވި މީހުންގެ އަދަދު ލައްކަ އަކަށް އެރި ފުރަތަމަ ގައުމެވެ. އެ ގައުމުގެ 1,722,438 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ގާތްގަނޑަކަށް 477،137 މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

އަދި މުޅި އެމެރިކާ އަށް ބަލާއިރު އެންމެ ހާލަތު ގޯސްކޮށް އުޅޭ ނިއު ޔޯކުން 377،543 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 30 ހާހާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ނިއު ޖާޒީ އިންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 11،197 މީހުން މަރުވެފައިވާއިރު، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 150،000 އަށްވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާ އިން ދެން އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އިލިނޯއިސް އިން 113.195 އެއްހާ މީހުންނަށް ބަލިޖެހި، 4،923 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އަށް ފަހު ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުގެ 37،048 މީހުން މަރުވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 265،227 މީހުންނެވެ. މިހާރު މުޅި ދުނިޔޭން ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެކުނު އެމެރިކާ އަށް ނިސްބަތްވާ ބްރެޒިލުންނެވެ. އެ ގައުމުގެ 377،780 މީހުންނަށް މި ބަލިޖެހިފައިވާއިރު، 23 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ހާއްސަ ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔެއިން ގާތްގަނޑަކަށް 5.65 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، 350،000 އެއްހާ މީހުން ވަނީ މަރުވެފައެވެ. މި ބަލިން މިހާތަނަށް މުޅީން ރަނގަޅުވެފައިވަނީ ގާތްގަނޑަކަށް 2،417،747 މީހުންނެވެ.