އައްޑޫ ސިޓީގައި ގާޑިޔާތައް ހުޅުވުމުގެ ހުއްދަ ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) ތަކުން ހުއްދަދޫކުރާ ގާޑިޔާތައް 2020 މޭ 27 ވަނަ ދުވަހުން ފެށިގެން ހުޅުވުމަށް ނިންމާފައިވާ ކަމަށާއި، ގާޑިޔާތައް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ ހެނދުނު 06:00 އިން 18:00 އަށް ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ އެސްއެސްޑީތަކުން ގާޑިޔާތައް ހުޅުވުމަށް ހުއްދަދިނުމުގައި ބަލާނީ ގައިޑްލައިންގައިވާ ގާޑިޔާތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ކަމަށެވެ. އަދި ގާޑިޔާތަކުން ޚިދުމަތް ދިނުމުގައި ޢާއްމު ފަރާތްތަކުންނާއި ގާޑިޔާތައް ހުޅުވައިގެން ހިންގާ ފަރާތްތަކުން ގައިޑްލައިންއާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމަށްވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.
ގާޑިޔާތަކުން ޢަމަލުކުރަންޖެހޭ ކަންތައްތައް:
(ހ) ގާޑިޔާތަކަށް މީހުން ވެއްދުމުގައި ގައިދުރުކަން ބެހެއްޓޭނެ ފަދައަކުން އިންތިޒާމްތައް ހަމަޖައްސާފައިހުރުން؛
(ށ) ކަސްޓަމަރުންނާއި ގާޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ދެމެދު ގައިދުރުކަން ބެހެއްޓޭނެފަދަ ގޮތަކަށް މުޢާމަލާތްކުރެވޭނެގޮތް ހަމަޖައްސާފައި ހުރުން؛
(ނ) ގާޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހޭންޑް ސެނަޓައިޒް ނުވަތަ އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިހުރުން؛
(ރ) ގާޑިޔާތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން؛ އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛
(ބ) ކަސްޓަމަރުން އޯޑަރކުރުމުން އެ ކަސްޓަމަރު އަންނަ ގަޑިއަށް މުދާ ތައްޔާރަށް ބެހެއްޓުން؛
(ޅ) ގާޑިޔާތަކުން ދުފާއެއްޗެހި ވިއްކާނަމަ ހަމައެކަނި ޕެކެޓްގައި ދުފާއެއްޗެހި ވިއްކުން؛
(ކ) ގާޑިޔާތަކުން ގަންނަ ތަކެއްޗަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ގާޑިޔާތަކުގައި ބެހެއްޓުން؛